ހާއްސަ އުސޫލުތަކަކާ އެކު ކުޅިވަރު ދަނޑުތައް އަލުން ހުޅުވާލަނީ

މާފަންނު ޓާފް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ބަންދުކޮށްފައިވާ އާންމު ކުޅިވަރުތައް ކުޅޭ ދަނޑުތަކާއި ކޯޓްތައް އަލުން ހުޅުވާލަން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، ކުޅިވަރު ކުޅޭ ތަންތަން އަލުން ހުޅުވުމަށް އެޗްޕީއޭއިން މިރޭ ހުއްދަ ދޭނެ ކަމަށާއި، އެހެން ނަމަވެސް އެތަންތަން ހުޅުވާލާނީ ވަކި ގައިޑްލައިންތަކެއް ހެދުމަށްފަހު ކަމަށެވެ. އަދި ކުޅިވަރު ކުޅޭ ތަންތަން ބޭނުން ކުރުމުގައި އެ ގައިޑްލައިންތަކަށް އަމަލު ކުރަން އެޗްޕީއޭއިން އަންގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޫޓަށް އަރާ ރަނގަޅަށް ނާޑްވާ ބާރުކޮށްގެން ތިއްބެވުމަށެވެ.

"އިތުރު މައުލޫމާތު މިރޭ އެޗްޕީއޭއިން އާންމު ކުރާނެ. ކަނުލައި އައްސަވާތި އަދި ބަރަބަރަށް އަމަލު ކުރައްވާތި،" މަހުލޫފުގެ ޓްވީޓްގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރު ކުޅޭ ތަންތަން ބޭނުންކުރުން ހުއްޓުމަށް އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވުޒާރާއިން އެންގީ މާޗް މަހު އެވެ. ނަމަވެސް މާލޭގައި ފުރަބަންދު ޖޫން މަހު އުވާލުމަށް ފަހު އާންމު ކުޅިވަރުތައް ކުޅުމުގެ ހުއްދަ އެޗްޕީއޭ އިން އަލުން ދިނެވެ. އެކަމަކު ޖުލައި މަހު އަނެއްކާ ވެސް ހާލަތު ގޯސް ވާން ފެށުމުން އާންމު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން އެޗްޕީއޭ އިން މަނާ ކުރި އެވެ.

އެއާ އެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގައުމީ މުބާރާތްތަކާއި، ޕްރެކްޓިސްތައް މެދުކެނޑިފައި އޮތް އިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މީގެ ކުރިން ޕްރެކްޓިސްތަކެއް ވެސް ކޮށްފަ އެވެ. އަދި އެއަށްފަހު ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް ވަކި ހާއްސަ ގައިޑްލައިންތަކެއްގެ ދަށުން ޕްރެކްޓިސް ކުރުމުގެ ހުއްދަ މިދިޔަ މަހުގެ ކުރީކޮޅު އެޗްޕީއޭއިން ވަނީ ދީފަ އެވެ.

comment ކޮމެންޓް