ސާޖަރީއަށްފަހު މަރަޑޯނާގެ ހާލު އަންނަނީ ރަނގަޅުވަމުން: ޑޮކްޓަރުން

އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާ --- ފޮޓޯ/ ޑެނިއެލް ލެވިސް

އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކުރި ސިކުނޑީގެ އޮޕަރޭޝަނަށްފަހު އޭނާގެ ހާލު މަޑު މަޑުން ރަނގަޅުވަމުން އަންނަ ކަމަށް މަރަޑޯނާއަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތަކުން ބުނެފި އެވެ.

އާޖެންޓީނާގެ ޖިމްނާސިއާ އެސްގްރިމާ ލަ ޕަލްޓާއަށް ކޯޗުކަން ކޮށްދެމުން އަންނަ 60 އަހަރުގެ މަރަޑޯނާގެ ހާލު ދަށްވެ، ކުއްލިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމުގެ ރިޕޯޓްތައް މީޑިއާގައި ދައުރުވާން ފެށީ މީގެ ދެ ދުވަސް ކުރިންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މަރަޑޯނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރުމަށް ސާޖަރީ ހެދުމަށް އެހެން ހޮސްޕިޓަލަކަށް ގެންދިވެފައިވެ އެވެ.

ސިއްހަތަށް ނުރައްކާތެރި ހާލަތެއްގައި އޮތް މަރަޑޯނާގެ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާކަން އޭނާ ބެލި ޑޮކްޓަރުން ހާމަކޮށްފައިވާ އިރު، ސިކުނޑިއަށް އެޅިފައިވާ ފްލުއިޑްތައް އެއްކޮށް ބޭރު ކުރުމަށް އަދި އިތުރު އެހެން ކުޑަ ސާޖަރީއެއް ވެސް ވަނީ ފަހުން ކޮށްފަ އެވެ.

"އޮޕަރޭޝަނަށްފަހު މަރަޑޯނާގެ ހާލު ރަނގަޅު. ނިއުރޮލޮޖިކަލް އެވަލޫޝަން ވެސް ހީކުރި ވަރަށް ވުރެން ރަނގަޅަށް ދަނީ. މިހާރު އެކި ޑްރަގްތައް ދީގެން ހާލު ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް މި ބަލަނީ. އެހެން ނަމަވެސް މިކަމަށް ވަގުތު ބޭނުންވާނެ." މަރަޑޯނާގެ ސާޖަރީއާ ހަވާލުވި ޑޮކްޓަރު ލޫކް ބުނެފައިވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރެޑޯނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ފެށި ކޯޗިންގް ކެރިއަރުގައި މިހާތަނަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. އޭނާ ފުރަތަމަ ބޮޑު ޓީމަކަށް 2008 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއި ހަވާލުވުމަށްފަހު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމު ވެސް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފަ އެވެ.

އޭގެ ފަހުން ވެސް މެކްސިކޯއާއި އާޖެންޓީނާގެ އެކި ކުލަބުތަކަށް އޭނާ ކޯޗުކަން ކޮށްދިން އިރު މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއްނުވެ އެވެ.

މަރަޑޯނާ، 58، މިދިޔަ އަހަރުގެ ކުރީކޮޅު ކޯޗުކަން ކޮށްދިން މެކްސިކޯގެ ޑޮރަޑޯސް ވެސް އޭނާގެ ކޯޗުކަމުގައި ވަނީ ރެލިގޭޓް ވެފަ އެވެ. މަރަޑޯނާ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވެ ހުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅައިގެ ރަމްޒުދާރެކެވެ

comment ކޮމެންޓް