ފިލްމު "ސައިނާ"ގެ ފަސްޓްލުކް ދައްކާލައިފި

ފިލްމުގައި ޕަރިނީތީ ފެނިގެންދާ ގޮތް---

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ސައިނާ"ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ފަސްޓްލުކް އާންމުކުރަމުން ޕަރިނީތީ ބުނީ މި ފިލްމު އެންމެ ފުރިހަމައަށް ގެނެސްދެވޭތޯ ބުރަ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ޕަރިނީތީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބެޑްމިންޓަން ޓްރެއިން ހަދާފަ އެވެ. ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ ކުޅިވަރާ ގުޅުން ހުރި ފިލްމެއް ކުޅެން އޭނާ ވަރަށް ބޭނުންވެފައި ހުރި ކަމަށާއި، ބެޑްމިންޓަން ކުޅެން ދަސްކޮށް، ސައިނާގެ ކާމިޔާބީ އެންމެނަށް ގެނެސްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ. މި ފިލްމު އެންމެ ފުރަތަމަ ކުޅެން ދިނީ ޝްރައްދާ ކަޕޫރަށެވެ. ޝްރައްދާ އާއެކު މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޝްރައްދާގެ ޝޫޓިން ޝެޑިއުލް އާ މި ފިލްމުގެ ޝޫޓިން ޝެޑިއުލް ދިމާނުވާތީ ސައިނާ ފިލްމު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް