ޖޯން، "ޕަތާން" ކުޅެދެނީ 20 ކުރޯޑަށް

ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް---

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އާއެކު ލީޑު ރޯލުން ފެނިގެންދާ ބަތަލު ޖޯން އަބްރަހަމް "ޕަތާން" ކުޅެދޭނީ 20 ކުރޯޑަށް ކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލްމީ ދުނިޔޭގައި ޖޯންގެ ނަން ވަރަށް ބޮޑަށް ވިދާލައިފައިވާ މި ދަނޑިވަޅުގައި ޝާހު އާއި ދީޕިކާ ޕަދުކޯން އާއެކު ފެނިގެންދާ ފިލްމު "ޕަތާން" 20 ކުރޯޑަށް (200 މިލިއަން) ކުޅެދޭއިރު މި ފިލްމުގައި އޭނާ ކުޅޭނީ ވިލަން އެއްގެ ރޯލެވެ. ނެގަޓިވް ރޯލަކުން އޭނާ ފެނިގެންދާއިރު ޕަތާންގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފައެވެ.

ޖޯންގެ ރޯލު 60 ދުވަހުގެ ޝޫޓިން އިން ނިމޭނެއެވެ. ބޮޑު އަގަކަށް މި ފިލްމު ކުޅެދޭއިރު ފަހަކަށް އައިސް އޭނާ ކުޅޭ ކޮންމެ ފިލްމެއް ވެސް ބޮޑު ހިޓަކަށް ވަނީ ވެގެން ގޮއްސައެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ޕަތާންގެ ޝޫޓިން ޖޯން ފަށާނީ ޖަނަވަރީގައެވެ.

ދެހާސް އަށާރަވަނަ އަހަރު ނުކުތް ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުން އަންނަ ޖޯން އެ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު "ދޯ ވިލަން"ގެ މަސައްކަތް ކުރާނެއެވެ. އެއަށްފަހު ޕަތާންގެ ކާސްޓާ ޖޯން ގުޅޭނީ ޖަނަވަރީ މަހު ފަހުކޮޅުގައެވެ.

ވަރުގަދަ ކާސްޓަކާއެކު ފެނިގެންދާ ޕަތާން ރިލީޒްކުރާނީ އަންނަ އަހަރުގެ ދިވާލީގައެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯން މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް