މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތް ބޭނުންވާނަމަ: އޭޖީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވާލުމަށް ގައުމުތަކުން ގޮވާލާ ކަމަށެވެ.

އެހެން ނަމަވެސް މިހާރު ހުރި ގާނޫނުތަކަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ނުގެނެސް މަރުގެ އަދަބު އުވާނުލެވޭނެ ކަމަށާއި، އަދި އެކަމުގައި ރައްޔިތުން ދެކޭގޮތް ނުބަލައި އެގޮތަށް ނުނިންމޭނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

ހަމައެއާއެކު މަރުގެ އަދަބު އުވާލުމަށް ކުރާ ކޮންމެ ކަމަކީ، ރާއްޖޭގެ ގާނޫނުއަސާސީއާއި އެއްގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެކަމުގެ ޔަގީންކަން އޭޖީ ވަނީ ދެއްވައިފައެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ.

އޭޖީ ވިދާޅުވީ މަރުގެ އަދަބު ދިނުމަށްވުރެ ރާއްޖެއަށް މުހިންމީ، ޖިނައީ އަދުލުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.

މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން ވަނީ އާނ ބަސް ބުނެފައެވެ.

މިހާރު ކުރިއަށްދާ ޔޫޕީއާރް ސައިކަލްގައި ގިނަ ގައުމުތަކުން ވަނީ ރާއްޖެއިން އެ މޮރެޓޯރިއަމް ދެމެހެއްޓުމަށް އެދިފައެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައި އެކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

މަރުގެ ބައެއް މައްސަލަތަކުގައި މަރަށް މަރުހިފަން ނިންމައި ހުކުމްކޮށްފައި ތިބި މީހުން ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.

comment ކޮމެންޓް