ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ތިންވަނަ ސައިކަލްގައި އިއްޔެ ބޭއްވުނު ރާއްޖޭގެ ރިވިއު ސެޝަންގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަރުގެ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކެވީ، ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލެވެން ނޯންނާނެކަން ބައިނަލްއަގުވާމީ ދުނިޔެއަށް ސާފުކޮށްދިނުމަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އިއްޔެގެ ސެޝަންގައި ވާހަކަދައްކަވަމުން އޭޖީ ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށެވެ. ނަމަވެސް ގާނޫނުލްއުގޫބާތުން މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުންގެ މަޝްވަރާ ހޯދައި، ރައްޔިތުން އެގޮތަށް ބޭނުންވާނަމަ ކަމަށެވެ.
އެ ވާހަކައާ ގުޅިގެން އޭޖީއަށް ވަނީ އިލްމުވެރިންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، މަރުގެ އަދަބު ދިނުމަ ގުޅޭގޮތުން އޭޖީ ދެއްކެވި ވާހަކަ "ސާފުކޮށްދީ" އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްފައި ބުނީ ޔޫޕީއާރުގެ ދެވަނަ ސައިކަލްގައި ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ގައުމަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.
އަދި އިއްޔެ ބޭއްވި ރިވިއު ސެޝަންގެ ކުރިން، ގައުމުތަކުން ރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަމަށެވެ.
އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ލިބޭނެކަމަށް ލަފާ ކުރެވުނު ކަމަށެވެ.
އެހެންކަމުން ދެވަނަ ސައިކަލްގައި ރާއްޖެއަށް ލިބިފައިވާ ހުށަހެޅުންތަކާއި، އިއްޔެގެ ރިވިއު ސެޝަންގެ ކުރިން ލިބިފައިވާ ސުވާލުތަކަށް ބަލައި، ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި، ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސަތު އެ ސެޝަންގައި ބަޔާންކުރުމަކީ، ކޮންމެހެން މުހިންމުކަމަކަށް ވެގެންދިޔަ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"މިކަން އޯޕަނިންގ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިއެވަނީ، އެހެން ގައުމުތަކުގެ ހުށަހެޅުންތައް ދިވެހިރާއްޖެއަށް ލިބުމުގެ ކުރިން، މިކަމުގައި ދިވެހިރާއްޖޭގެ ސިޔާސަތު ބައިނަލްއަގުވާމީ މުޖުތަމައަށް ސާފުކޮށް ހާމަކޮށްދިނުމުގެ ގޮތުންނެވެ." އޭޖީ އޮފީހުން ބުންޏެވެ.
އެގޮތުން، ރާއްޖޭގެ ގާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، ރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީކަން އޭޖީ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ވުމާއެކު، އެޓާނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަހީލުކަމެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކައެކެވެ." ބަޔާނުގައިވެއެވެ.
ރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަންކަމަށް ރާއްޖޭގައި ޖާގަދެވިގެން ދިއުމަކީ ރައްޔިތުން ބޭނުން ވާނެކަމެއް ކަމަށް ނުވާތީ، ސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބިންވަޅު ނެގިފައިވާ ގޮތް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
އެހެންނަމަވެސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަށްވުރެ ކުރިން ރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ވެސް ބުންޏެވެ.
މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ޑިސެމްބަރު 2018 ގައި ކުރިއަށްދިޔަ އދ ގެ 73 ވަނަ އާންމު މަޖިލީހުގައި، މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމާގުޅޭ އ.ދ. ގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، ހާމަކޮށްފައިވާ ސިޔާސަތު ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އަދި ކޮންވެންޝަން އަގެއިންސްޓް ޓޯޗާ އެންޑް ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓްގެ ދަށުން އޮކްޓޫބަރު 2019 ގައި ރާއްޖެއިން ހުށަހެޅި ފޮލޯ-އަޕް ރިޕޯޓުގައިވެސް ރާއްޖޭގެ މި ސިޔާސަތު ހާމަކޮށްފައިވާނެ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ އިއްޔެ ކުރިއަށްދިޔަ ޔޫޕީއާރުގެ ރާއްޖޭގެ ސެޝަންގައި މަރުގެ އަދަބު އުވާލަން ގާތްގަނޑަކަށް 29 ގައުމަކުން ގޮވާލި ކަމަށެވެ. އެ ހުށަހެޅުންތަކާމެދު ރާއްޖެއިން ޕޮޒިޝަނެއް ނަގަންޖެހެނީ 14 ޑިސެމްބަރު 2020 ގެ ކުރިންނެވެ.
ނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް ސަރުކާރުން އިއުލާންކުރި ފަދައިން، ސެޝަންގައި ރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ގާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ހުށަހެޅުމެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމުގެ ޔަގީންކަން އޭޖީ އޮފީހުން ވަނީ ދީފައެވެ.