ގޮންޖެހުން ތަކެއް ހުރި ކަމުގައި ވީނަމަވެސް، މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ހަމަހަމަ އުސޫލެއްގެ މަތިން ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖޭން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ތިންވަނަ ސައިކަލްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އާއިޝާ ވިދާޅުވީ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރި ކުރުވުމާއި، މުޖުތަމައުގެ ރައްކާތެރިކަމަށް ރާއްޖޭން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހާސިލު ކުރެވޭނެ ސްޓްރެޓެޖީތައް އެކުލަވަލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި އެކި ދާއިރާތަކުން ކޮށްފައިވާ، އަދި ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް މިނިސްޓަރު ވަނީ ހިއްސާކުރައްވައިފައެވެ.
އެގޮތުން 2016 ވަނަ އަހަރު ތަންފީޒު ކުރަންފެށި ޖެންޑާ އީކުއާލިޓީ ގާނޫނުގައި މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި އަޅަންޖެހޭ ގިނަގުނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމާއި، ޖެންޑާ އީކުއާލިޓީ ޕޮލިސީ އަކީ ރާއްޖޭގެ އަންހެނުންގެ ހާލަތު ރަނގަޅުކޮށް މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރަން ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރާކަން ފާހަގަކުރައްވައ، މި ސަރުކާރުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ މިންތީގެ ފަރަގު ކުޑަ ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިއްމު އެއް އަސާސަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުން ކަމަށާއި، ގެވެށި އަނިޔާ ހުއްޓުވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި، ހަރުދަނާ ގޮތެއްގައި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ގާނޫނޫތައް މުރާޖައާކޮށް ސިވިލް ސާވިސްގެ އިންޑަކްޝަން ތަމްރީން ޕްރޮގްރާމް ތަކުގައި ޖެންޑާ މެއިންސްޓްރީމިންގެ މަސައްކަތްތައް ހިމަނާ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ދެކޮޅަށް ސިއްހީ ދާއިރާ މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމް ހަރުދަނާކޮށް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން އަޅަމުން ގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުން ގެވެށި އަނިޔާގެ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ނާޒުކު ހާލަތްތަކުގައިވާ އަންހެނުން އިތުރަށް ނާޒުކު ހާލަތަކަށް ވެއްޓި ގެވެށި އަނިޔާގެ ޝިކާރައިގެ އަމަލުތަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތުމުގެ ސަބަބުން، މަސައްކަތްތަށް އިތުރަށް ތަރުތީބު ކުރެވި އެކުގައި މަސައްކަތް ކުރާ އިދާރާތަށް ގުޅިގެން އެފަދަ މައްސަލަތަށް މަދުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް ކުރަމުން ގެންދާ މަސައްކަތް ތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަމަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ކޮންމެ ރަށެއްގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްތައް ގާއިމުކޮށް ކުޑަކުދިންގެ ރައްކާތެރި ކުރުމަށް ކުރެވޭ ބައެއް މަސައްކަތްތައް ލާމަރްކަޒުކޮށް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ތަރުތީބު ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ކުށްކުރާ ކުދިންނާއި ކުށުގެ ވެށީގައި އުޅޭ ކުދިންގެ މައްސަލަތަށް ހައްލުކުރުމަކީ މި ސަރުކާރުން ނުހަނު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މި ދާއިރާއިން ގިނަ ކަންކަން ދިވެހިރާއްޖެއިން ހާސިލްކޮށްފައި ވީނަމަވެސް ރޭވިފައިވާ ކަންކަން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އަޅުގަނޑުމެން މިތިބީ ހަރުދަނާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ބޭނުންވާ ވަގުތާއި އެއްބާރުލުމާއި ކަންކަން ޕްލޭންކޮށް ތަންފީޒުކުރުމަށް ހޭދަކުރަން ތައްޔާރަށެވެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ސިޔާތުތަކުގެ ސަބަބުން، ދާއިރާއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކުގެ ދަތިތަކާއި، ތަމްރީން ކުރެވިފައިވާ މުވައްޒަފުންގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން ކަށަވަރުވާ ކަމަށެވެ.
އަދި ދާއިރާގައި އެއްކުރެވޭ ތަފާތު މައުލޫމާތުތައް ޑިޖިޓަލައިޒް ކުރެވި މިކަމުގެ ސަބަބުން ދާއިރާއިގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ކާމިޔާބު ކަމާއެކު ދާއިރާގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިނިސްޓަރު ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގައާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން ލިބިފައިވާ އެކި އިރުޝާދުތަކާ އެއްގޮތަށް، ދާއިރާގެ މަސައްކަތް ހަރުދަނާކުރުމަށް އަޅަންހުރި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.