ތަލައިވީ ކުޅެން ކަންގަނާ 20 ކިލޯ ބަރުކުރި

ތަލައިވީ ކުޅުމުގެ ކުރިން ކަންގަނާ ހުރި ގޮތާއި ފިލްމުގައި އޭނާ ފެނިގެންދާނެ ގޮތް---

ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅޭ ފިލްމު "ތަލައިވީ"ގައި އޭނާ ކުޅުނު ރޯލު ކުޅުމަށް 20 ކިލޯ ބަރުކުރިކަމަށް އޭނާ ބުނެފިއެވެ.

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލާފައިވާއިރު ކަންގަނާ މިހާރު އަންނަނީ އޭނާ ކުރިން ހުރިވަރަށް ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށާފައެވެ. ބަތަލާ ބުނީ 20 ކިލޯ ބަރުކުރަން އޭނާއަށްވީ އުނދަގޫ ކަމަށާއި ބަރުދަން ބަރުވުމުގެ ސަބަބުން އޭނާއަށް ވެސް އުނދަގޫވެ އުނަގަނޑު ބިންދައިގެން ދާފަހަރު އަންނަހެން ވެސް ހީވިކަމަށެވެ.

މި ފިލްމު ރިލީޒްކުރާ ދުވަސް އަދި ހާމަކޮށްފައިނުވާއިރު ޚަބަރުތައް ބުނާގޮތުގައި މި ފިލްމު އަންނަ އަހަރުގެ މެދެއްހާ ތެރޭ ސިނަމާތަކުގައި އަޅުވާނެ ކަމަށެވެ. ތަލައިވީ ގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ބަތަލާ ކަންގަނާ ވަނީ މިހާރު "ތޭޖާސް"ގެ މަސައްކަތް ފަށާފައެވެ. އެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބައިވެރިވާންޖެހޭ ވޯކްޝޮޕްތަކުގައި ކަންގަނާ މިހާރު އަންނަނީ ބައިވެރިވަމުންނެވެ. އަަންނަ މަހު ޝޫޓިން ފަށާ ތޭޖާސް ގައި ބަތަލާ ކުޅޭނީ އެއާފޯސް ޕައިލެޓެއްގެ ރޯލެވެ.

comment ކޮމެންޓް