މިއީ ހަގީގީ ރަހުމަތްތެރިކަމުގެ އަގު ވަޒަންކުރާ ދުވަސް: ޝާހިދު

ނޮވެމްބަރު 3، 1988: ޕްލޮޓު ޖަމާއަތް ރާއްޖެ ގެނެސް، ވެރިކަން ފުރޮޅާލަށް ބަޣާވާތް ކުރި ހާޖަރާގެ ލުތުފީ އަތުލައިގަނެ، ބިޑިއަޅުވައިގެން ތަހުގީގަށް ގެންދަނީ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ނަސްރުގެ ދުވަހަކީ ހަގީގީ ރަހުމަތްތެރިކަމުގެ އަގު ވަޒަންކުރާ ދުވަހެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކުރައްވައިފިއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ނެރުއްވި ކުރު ބަޔާނުގައި ނޮވެމްބަރު ތިން ވަނަ ދުވަހު ދިވެހި ގައުމަށްޓަކައި ގުރުބާންވެ، ޝަހީދު ވި ސިފައިންނާއި ރައްޔިތުންގެ ހަނދާންތައް ހަނދާންކޮށް، އެ ބަތަލުންނަށް ޝުކުރާއި ތަހުނިޔާ އަރިސްކުރެއްވިއެވެ.

ހަމައެއާއެކު ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

"މިއަދަކީ ހަގީގީ ރަހުމަތްތެރިކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރާ ދުވަހެކެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިވެހި ގައުމަށް ކުރިމަތިވި ވަގުތު، އިންޑިއާއިން ވެދިން މަދަދާއި އެހީތެރިކަމުގެ ހަނދާންތައް ދިވެހިން އަބަދުވެސް އާކުރާނެއެވެ." މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާއަކީ އިތުބާރުއޮތް ދިވެހިންގެ އަވަށްޓެރިއެއް ކަމަށާއި ރާއްޖޭގެ ހަގީގީ އެކުވެރިއެއް ކަމަށް ވިދާޅުވެ، އެކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު މިއަދަކީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ދަތިތައް މަތިން ހަނދާން ކުރަންޖެހޭ ދުވަހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ރާއްޖެއިން އދ ގައި ވެސް ފާހަގަކޮށްފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރިއަށް ގެންދަނީ ދަތިތަކުން އަވަހަށް އަރައިގަތުމަށް ބޭނުންވާ މަސައްކަތްތައް ހަރުދަނާކޮށް، ބައިނަލްއަގުވާމީ މުޖުތަމައު އާއެކު ދާއިމީ ގުޅުން ތަކެއް ގާއިމްކުރުމަށް ކަމަށެވެ.

އަދި 21 ވަނަ ގަރުނުގެ ނުރައްކާ ތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު ތަޅުދަނޑިއަކީ އެއީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް