ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ފިޔަޖަހާލި އާމިނަތު މައުރީނާ (މައު) މިއަދު އަހަރެމެންނަށް ފެންނަނީ މުޅިން އެހެން ދިމާލަކުންނެވެ. އަލަތު ކައިވެންޏަށް ފަހު އޭނާ ހުޅުވީ އަމިއްލަ ސެލޫން އެކެވެ. އަދިވެސް ސެލޫން ކާމިޔާބު ކަމާއެކީ ހިނގަމުން އަންނައިރު، މިފަހުން އޭނާ މިވަނީ އަނެއްކާވެސް ތަފާތު ކަމެއް ކޮށް ފޭނުން ހައިރާން ކޮށްލާފަ އެވެ. ކެއްކުމުގެ ދާއިރާއިން ތައުލީމު ފުރިހަމަކޮށް މިއަދު އޭނާއަކީ "ޝެފް މައު" އެވެ.
މައުއާ ކެއްކުމާއި އޮތް ގުޅުން ގައިމުވެސް ނޭނގޭ މީހެއް މަދުވާނެ އެވެ. ހާއްސަކޮށް ކޮންމެ ރޯދަމަހަކު އޭނާގެ އަމިއްލަ ބަދިގެއިން ގެނެސްދިން ރެސިޕީތަކަކީ އެތައް ބަޔަކު ކުޅު ދިޔާކޮށްލި ރަހަމީރު ރެސިޕީތަކެކެވެ. އެ ހުރިހާ ރެސިޕީތަކެއް އޭނާ ތައްޔާރުކުރީ ފަސޭހައިން ލިބެން ހުރި، އަގުހެޔޮ ތަކެތީންނެވެ. އޭނާގެ އަމިއްލަ ގޮތްގަނޑަކަށެވެ.
މި ރެސިޕީތަކަށް ލިބެމުންއައި ބޮޑު ތަރުހީބާއި އެކު މައުގެ ހިތް މާބޮޑަށްވެސް ކެއްކުމަށް ޝައުގުވެރިކުރުވި އެވެ. ޝެފަކަށްވުމުގެ ހުވަފެން އޭނާ ދެކެން ފެށި ހިސާބަކީ އެއީ ކަމުގައި މައު ބުންޏެވެ.
"އަބަދުވެސް މީރު ކާއެއްޗިއްސަށް ލޯބިކުރާތީ ވަރަށް ކައްކާ ހިތްވޭ. އެހެންވެ ގޭގައި އަމިއްލައަށް އެކިކަހަލަ ޑިޝްތަކާއި، ފޮނިކާއެއްޗެހި ތައްޔާރުކޮށް ސޯޝަލް މީޑިއާ އަށް ޕޯސްޓްކުރަން ފެށީ. ދެން އާއިލާ އާއި ރަށްޓެހިންނާއި ފޮލޯވަރުންގެ ފަރާތުން ރެސިޕީތަކަށް ލިބެމުންދިޔަ ތަރުހީބާއި ހެދި އަސްލު މި ދާއިރާއިން ކުރިއަށްދާން ހިތްވަރު ލިބުނީ" މައު ބުންޏެވެ.
މައު އޭނާގެ ކަލްނަރީ ތައުލީމު ހާސިލްކުރަން ފެށީ މި އަހަރުގެ އޮގަސްޓް މަހު އެވެ. އޭނާ ކިޔެވުން ކުރިއަށްގެންދިޔައީ ދުބާއީގެ އިންޓަނޭޝަނަލް ސެންޓާ ފޯ ކަލްނަރީ އާޓްސް (އައިސީސީއޭ) އިންނެވެ. މިއީ ހޮސްޕިޓާލިޓީ އާއި ކަލްނަރީ އިންޑަސްޓްރީއަށް އަމާޒުކޮށްގެން ހިންގާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ނަމަވެސް މައުރީން ފުރިހަމަ ކޮށްފައިވަނީ ތިން މަހުގެ ކްރޭޝް ޕްރޮގްރާމެކެވެ. އަދި ސްޕެޝަލައިޒްވީ ޕޭސްޓްރީގެ ދާއިރާއިންނެވެ.
މިވަގުތުވެސް ދުބާއީގައި މައު ހުރިއިރު، ކަލްނަރީ ހަޔާތުގެ މި އާފެށުމާއެކު ކެއްކުމުގެ ދާއިރާގައި ކުރިއަށް ދިޔުމަށް އޭނާގެ ބޮޑު އުންމީދެއް އެބަ އޮތެވެ.
"އިރާދަކުރެއްވިޔާ އުންމީދަކީ އަދިވެސް މި ދާއިރާއިން އިތުރަށް ކިޔަވާ ދުނިޔޭގެ އެކި ދިމާތަކުގައި ތިބި މޮޅެތި ޝެފުންގެ ފަރާތުން އެކިކަންކަން ދަސްކޮށް މައުގެ ހުނަރު އިތުރަށް ފުޅާކުރުން" މައު ބުންޏެވެ.
އޭނާ ބުނިގޮތުގައި ކިޔެވަން ހޭދަކުރި މި ކުރުމުއްދަތުގައި ވެސް ކަލިނަރީ އަކީ ވަރަށް ފުޅާ ދާއިރާއެއްކަމާއި އިތުރަށް ދަސްކޮށް ތަޖުރިބާކުރަން ހުރިން ގިނަ ކަންކަން ފާހަގަވި އެވެ.
މިވަގުތުވެސް މައުރީންގެ ކޮނޑުގައި ބޮޑެތި ޒިންމާތަކެއް އެބަ ހުއްޓެވެ. އޭނާގެ އަމިއްލަ ސެލޫން "ލުއާ" ގެ ހިދުމަތްތައް ވެސް މެދުކެނޑުމެއް ނެތި ކުރިއަށްދެ އެވެ. ސެލޫން މެނޭޖްކުރުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި މައު ބައިވެރިނުވިޔަސް، ސެލޫންގެ ކަންކަމަކީވެސް ނިކަން ގަޔާވެގެން އޭނާ ކުރާ ކަންކަމެވެ.
އެހެންނަމަވެސް، މި ވަގުތު އޭނާ އެންމެ ގިނަ ވަގުތުތަކެއް ހޭދަކޮށް އެކަމަށް ހުސްވެގެން ހުރީ މިދިޔަ ސެޕްޓެމްބަރު މަހުގައި ހުޅުވި "މިނޫޝިއާ" ރެސްޓޯރެންޓަށެވެ.
ހުޅުމާލޭގައި ހުންނަ މި ރެސްޓޯރެންޓަކީ އާއިލާ އެއްކޮށް އަދި ލޯބިވެރިންނާއި އެކުވެރީން އަދި ގްރޫޕްތަކަށްވެސް ކަމުދާނެ އެންމެ ފަހުގެ ސްޓައިލްގެ ރެސްޓޯރެންޓެކެވެ. ގްރީސްގެ މިކޮނޯސްއަށް ކުރެވުނު ދަތުރެއްގެ ތެރެއިން އުފެދުނު މި ހިޔާލުގެ މައްޗަށް ބިނާކޮށް މުޅި ރެސްޓޯރެންޓް ފަރުމާކުރީ ވެސް ހަމަ ސީދާ އެގޮތަށެވެ. ހުދު ކުލައިގެ ފާރުތަކާއި، ނޫކުލައިގެ ދޮރުތަކުގެ ތެރެއިން ފެންނަ ފިޔާތޮށި ބޯގަންވިލާތަކާއެކު މިނޫޝިއާއިން ކަސްޓަމަރުންނަށްވެސް މިކޮނޯސް ސިފަވާ ކަހަލަ އެވެ.
"ޓްރެވަލްކުރުމުގެ ތެރެއިން އެންމެ ލޯބިކުރި އެއް ތަނަކީ އެކި ސްޓައިލްތަކުގެ ރެސްޓޯރެންޓްސް. އެހެންވެ ކާއެއްޗިއްސާއި ކެއްކުމަށް މައުގެ ޝައުގުވެރިކަން ހުރިވަރުން ހުޅުވި ރެސްޓޯރެންޓެއްވީމަ ބޭނުންވީ ވަރަށް 'އިންސްޓަގްރާމިކް'، މީހުން ދާހިތްވާ ކަހަލަ ތަނެއް މީރު ކާއެއްޗިއްސާއި އެކީ ހުޅުވަން" މައޫ ބުންޏެވެ.
މައު ބުނާގޮތުގައި މިނޫޝިއާގެ ކަސްޓަމަރުންގެ ފަރާތުން އެތަނުގެ މާހައުލަށާއި، ހިދުމަތަށް ލިބެމުން އަންނަ ތައުރީފަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
އެންމެންވެސް މިހާރު ކެތްމަދުވެފައި މިތިބީ މައުގެ އަތުން ތައްޔާރުކޮށްލާ މީރު ޕޭސްޓްރީސްގެ ރަހަ ބަލާލުމަށެވެ. ހާސްނުވާށެވެ. ކުޑަ އިންތިޒާރަކަށްފަހު މައު އަހަރެމެންނާއި މިފަހަރު ބައްދަލުކޮށްލާނީ މިނުޝިއާއިން ރަހަތަފާތު މީރު ޕޭސްޓްރީޒްއާ އެކު އެވެ.