ވިއެނާ (ނޮވެމްބަރު 3) : ބަޑިހިފައިގެން ތިބި ބަޔަކު އޮސްޓްރިއާގެ ވެރިރަށް ވިއެންނާގެ މެދުތެރޭގެ ހަ ސަރަހައްދަކަށް ބަޑީގެ ހަމަލާއެއްގައި އެތައް ބަޔަކު މަރާލައިފި ކަމަށް ޚަބަރު ލިބިއްޖެެ އެވެ.
އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި ފުލުހުން ބަޑިހިފައިގެންތިބި މީހުންނާ ކުރިމަތިލައި އެކަކު މަރާލާފައިވާ ކަމަށާއި އިތުރު މީހަކު ފިލާފައިވާ ކަމުގަ އެވެ. އޮސްޓްރިއާގެ ދާޚިލީ ވަޒީރު ކާލް ނެހެމާ ވިދާޅުވީ ހަތިޔާރުއެޅި މީހުންނަކީ ޓެރަރިސްޓުން ކަމަށް ބެލޭކަމަށާ އެމީހުންތިބީ ވަރުގަދައަށް ހަތިޔާރުއަޅައިގެން ކަމުގަ އެވެ. ހެމާ ވިދާޅުވީ ފުލުހުންގެ ތެރޭގައި އޮންނަ ހަތިޔާރުއެޅި ޚާއްސަ ފައުޖެއް މިހާރު ނެރެފައިވާ ކަމަށާއި އެމީހުން ހަތިޔާރުއެޅި މީހުން އަތުލައިގަތުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ހަތިޔާރުއެޅި މީހުންގެ ޙަމަލާތަކުގައި އެތަށް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެފައިޥާ ކަމަށް ވެސް ނެހެމާ ވިދާޅުވި އެވެ.
ހަތިޔާރުއެޅި މީހުންގެ ނުރައްކާ ބޮޑުވެފައި ވަނީ އެމީހުން ވިއެނާގެ ކަންކޮޅުތަކަށް ދަތުރުކޮށް ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާތީ ކަމަށާ ހަތިޔާރުއެޅި މީހުން އަތުލެވި ވިއެނާގައި އަމާންކަން ގާއިމް ކުރެވެންދެން ރައްޔިތުން މަގުތަކަށް ނުނުކުމެ ގެގައި ތިބުމަށް ނެހެމާ ވަނީ އިލްތިމާސުކުރައްވާފަ އެވެ.
ރިޕޯޓްތަށް ބުނާ ގޮތުން ވިއެނާގެ މެދުގައިވާ މައިދާނެއްކަމަށްވާ ޝްވެޑެންޕްލެޓެޒްގައި ފުލުހުންގެ ޚާއްސަ ލަޝްކަރު ގެންދަނީ ހަތިޔާރުއެޅި މީހުންނާ ކުރިމަތިލަމުންނެވެ. ހަތިޔާރުއެޅި މީހުންނަކީ ކޮންބައެއްކަމާ އަދި އެމީހުން އެކަންކުރާ ސަބަބު އޮސްޓްރިޔާއިން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ހަތިޔާރުއެޅި މީހުން ހަމަލާދިން ތަންތަނުގެ ތެރޭގައި ވިއެނާގެ މެދުތެރޭގައިވާ ޔަހޫދީ ފައްޅިއެއް ހިމެނޭކަމަށް އޮސްޓްރިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ. (އަލްޖަޒީރާ)