ބައި ކޮޅަށް ވަން ގޯލާއެކު ވަރުގަދަ ފްރާންސަށް އުނދަގޫ މޮޅެއް

މިމެޗުގައި ފްރާންސަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވި --

ޔޫރޯ 2024ގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ހަނި މޮޅެއް ހޯދައިފިއެވެ.

ޑުސެލްޑޯފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން އޮސްޓްރިއާ ބަލިކޮށްފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. މިއީ މި އަހަރުގެ މުބާރާތުގައި ދެ ޓީމުގެވެސް ފުރަތަމަ މެޗެވެ.

އެންމެ ފަހުގެ ވޯލްޑްކަޕުގެ ރަނަރަޕް ފްރާންސް މި ފަހަރުގެ ޔޫރޯއާ ކުރިމަތިލީ އެ މުބާރާތުގެ ސްކޮޑުގައި ހިމެނުނު މުހިއްމު ގިނަ ކުޅުންތެރިންތަކަކާ އެކުގައެވެ.

ފްރާންސަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވި މި މެޗުގައި އޮސްޓްރިއާއިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް ލަނޑު ޖަހަން ގިނަ ފުރުސަތު ލިބުނެވެ.

މި މެޗުގައި ފްރާންސާއި އޮސްޓްރިއާއަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނު --

މެޗުގައި ފްރާންސުން ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. އެ ލަނޑަކީ ކިލިއަން އެމްބާޕޭ ނަގައިދިން ބޯޅަ، އޮސްޓްރިއާ ޑިފެންޑަރު މެކްސިމިލިއަން ވޫބާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގައި އޮސްޓްރިއާއިން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް، ހާފުގެ ކުރީކޮޅުގައިވެސް ފްރާންސަށް ފުރުސަތު ލިބުނެވެ. އޭގެފަހުން މެޗުގައި ނުރައްކާތެރި ހަމަލާތައް މަދުން ފެނުނުއިރު، އެންމެފަހު މިނެޓުގައި އޮލިވިއާ ޖިރޫ ފުރުސަތެއް ބޭކާރުކޮށްލިއެވެ.

މެޗުގެ ފަހުކޮޅުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއެވެ. އޭރިއާ ތެރެއިން ބޮލުން ބޯޅައިގައި ޖަހަން އުޅެނިކޮށް، މޫނު ގޮސް އިދިކޮޅު ކުޅުންތެރިޔާ ކޮނޑުގައި ޖެހި އެމްބާޕޭގެ ނޭފަތް ފެޅުނެވެ. ލޭވެސް ބައިވަރު ފޭބުމާއެކު އޭނާ ވަނީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް