ކެމްޕޭން ކުރަން ހުއްދަ ހޯދާކަށް ނުޖެހޭ، އެ ފުރުސަތު އަބަދުވެސް އޮންނާނެ: އީސީ

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިންތިހާބަށް ކެމްޕޭން ކުރަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، އެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް މިހާރުވެސް ކެމްޕޭން ކުރެވޭނެ ކަމަށެވެ.

އަދި އިންތިހާބަށް ކެމްޕޭން ކުރަން ގާނޫނުން ދިނުން ލާޒިމުކުރާ ރަސްމީ ފުރުސަތު އަދި ހުޅުވާ ނުލާ ކަމަށާއި، އެ ފުރުސަތު ހުޅުވާލާނީ އިންތިހާބު އިއުލާނު ކުރުމަށްފަހު، އިންތިހާބަށް 30 ދުވަހަށް ވުމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ގާނޫނުގަ އޮންނަ ފުރުސަތު އަދި ހުޅުވާ ނުލަން. އެ ފުރުސަތު ވެސް އަދި ހުޅުވާލާނަން، މިހާރުވެސް ކެންޑިޑޭޓުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް ކެމްޕޭން ކުރުމުގެ ފުރުސަތު އެބަ އޮތް. ކެމްޕޭން ކުރުމަކީ ގާނޫނުން މަނާކަމެއް ނޫން. އެކަމަކު ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަން ވާނީ. އިލެކްޝަންސް ކޮމިޝަންގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކެމްޕޭން ކުރަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގޭގައި ތިއްބަވައިގެން އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕޯޓަލް އާންމުކުރާނީ، ޕޯޓަލް ތައްޔާރުކޮށް ނިމި، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި އިންތިހާބު ބާއްވާ ނަމަ، އިންތިހާބުގެ ހުރިހާ ކަމެއް ވެސް ހަމަޖެހިފައި ހުންނާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި، އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ބޫތެއް ބެހެއްޓުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ލަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް