ޔުނާންގެ ދެމަފިރިންނަށް ދައުވާކޮށްފި، ސާބިތުވެއްޖެ ނަމަ މުޅި އުމުރު ޖަލަށް!

ޔުނާންގެ ދެމަފިރިން-- ފޮޓޯ: ފޭސްބުކް/ޔުނާން

އާއިލީ ގޮތުން ގުޅުން އޮންނަ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ޔުނާންއާ ރިހުލާގެ މައްޗަށް ދައުވާކޮށް މައްސަލަތައް ހުޅުމާލޭ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ޔުނާންގެ މައްޗަށް ނުވަ ދައުވާ އުފުލާފައިވާއިރު ރިހުލާގެ މައްޗަށް އުފުލީ ފަސް ދައުވާ އެވެ.

ޔުނާންއަށް ކުރި ދައުވާތައް

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  • އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ

މި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޔުނާންއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް ކުރާނެ އެވެ.

ރިހުލާއަށް ކުރި ދައުވާތައް

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ

ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާއަށް ޖުމްލަ 50 އަހަރު އަދި ގިނަވެގެން ޖުމްލަ 61 އަހަރުގެ ޖަލު ހުކުމެއް ކުރާނެ އެވެ.

ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަ އެވެ. އެ ދެ މީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

comment ކޮމެންޓް