ސީއެޗްއެސްއީގެ އާ އިމާރާތް އަޅާ ބިން މިނިސްޓްރީއާ ހަވާލުކޮށްފި

ސީއެޗްއެސްއީގެ އާ އިމާރާތުގެ ބިން އެޗްޑީސީއިން އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކުރުން -- ފޮޓޯ/ އެޑިއުކޭޝަން

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތުގެ ބިން އެޗްޑީސީއިން އެޑިޔުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ އެ ސްކޫލުގެ ބިން ހަވާލުކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

ހުޅުމާލެއަށް ސީއެޗްއެސްއީ ބަދަލުކުރަން ނިންމިއިރު އެ ސްކޫލް މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އާ އިމާރާތެއް އެޅުމަށް ދާދި ފަހުން ރަޝީދު ކާޕެންޓްރީއާ ވަނީ ހަވާލުވެސްކޮށްފައެވެ. އާ އިމާރާތް ހެދުމަށް އެތަނުގެ ބާ އިމާރާތް މިހާރު ވަނީ ތަޅާވެސްލައިފައެވެ.

ނަވާރަ ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް އެ ކުންފުންޏާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުކުރީ 33.4 މިލިއަން ރުފިޔާ އަށެވެ.

އެނގިފައިވާގޮތުގައި ސީއެޗްއެސްސީ ހުންނަ ލިލީމަގު ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެެހެންކަމުން އެ މަގު ބޮޑުކުރުމުން ސީއެޗްއެސްސީން ބައެއް ގެއްލޭނެއެވެ

ސީއެޗްއެސްއީ ވުޖޫދުވީ 1979 ވަނަ އަހަރުއެވެ. ނަމަވެސް އެންމެ ފުރަތަމަ ހިންގީ ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައެވެ. ފަހުން 2001 ވަނަ އަހަރު އެތަނުގެ ނަން މިހާރުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

ސީއެޗްއެސްއީގައި މިހާރުވެސް 1،100 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަން ނިންމިއިރު ދަރުމަވަންތަ ސްކޫލް މާލޭ ޖަލު ހުރި ސަރަހައްދަށް ބަދަލުކުރަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް