އައިފިލްމްސް އިން މި ފަހަރު ގެނެސްދެނީ "ބިރުވެރި ވާހަކަ"

ބިރުވެރި ވާހަކަ ޝޫޓްކުރުމުގެ ތެރެއިން--- ފޮޓޯ/ އިއްލެ

މިދިޔަ އަހަރު ނެރުނު މޮޅު ފިލްމު "ބަވަތި" ގެނެސްދީފައިވާ ފިލްމު ކުންފުނި އައިފިލްމްސް އިން ސީރީޒް އެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުމްލަ 15 އެޕިސޯޑުގެ މައްޗަށް ބަހާލައިގެން ގެނެސްދޭ ވެބް ސީރީޒް ގެ ނަމަކީ "ބިރުވެރި ވާހަކަ"އެވެ. ސީރީޒް އާ ގުޅޭގޮތުން އައިފިލްމްސްގެ ވެރިޔާ އަދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "ސަން"އަށް ބުނީ ސީރީޒްގެ ޝޫޓިން އިއްޔެ ފަށާފައިވާކަމަށެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަންޒަރުތައް ނަގާ އެ ސީރީޒް ދައްކާނެ ދުވަހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. ސީރީޒް ދައްކާނީ ކޮން ޕްލެޓްފޯމަކުންތޯ ސުވާލުކުރުމުން އިއްލެ ބުނީ އެއީ އަދި ސިއްރެއް ކަމަށެވެ.

"ބިރުވެރި ވާހަކައިގެ ކޮންމެ އެޕިސޯޑަކީ ވެސް ވަކި ވާހަކައެއް،" އިއްލެ ބުންޏެވެ.

އައިފިލްމްސްގެ ފުރަތަމަ ފިލްމު ބަވަތި ގެނެސްދިނުމަށްފަހު ދެން ގެނެސްދޭނީ "ނީނާ" އެވެ. ކުރިން އޮތީ މި ފިލްމު މިއަހަރުތެރޭ ސްކްރީންކުރުމަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން ފިލްމު އެޅުވޭ ގޮތް ނުވީ އެވެ. ނީނާގެ ފުރަތަމަ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު އެ ޓީޒާ އަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

comment ކޮމެންޓް