އެޗް7 ކެޓަގަރީއިން ނުގުޅޭ މީހުންގެ އިތުރު ލިސްޓެއް އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން H7 ކެޓަގަރީ (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ)އިން ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް ދިޔުމުގެ ކުރިން ފޯނަށް ނުގުޅޭ އިތުުރު މީހުންގެ ނަންތައް އާންމުކޮށްފިއެވެ.

މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ރައިސް އޮފީހުން ވަނީ މި ކެޓަގަރީ އިން ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފޯނަށް ނުގުޅޭ 507 މީހުންގެ ނަން އާންމުކޮށްފައެވެ.

މިއަދު ލިސްޓު 2 ގެ ގޮތުގައި އިތުރު 93 މީހެއްގެ ނަން ވަނީ އާންމު ކޮށްފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި އިއުލާނުގައި ބުނީ މިއަދު ނަން އާންމު ކުރި 93 ފަރާތްތަކަކީ، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ ފަރާތްތައް ކަމަށެވެ.

އެޗް7 ކެޓަގަރީ އިން ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިހާތަނަށް ނުގުޅޭ މީހުންގެ ގޮތުގައި ރައީސް އޮފީހުން ނަން އާންމު ކުރި ދެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން، މި ލިންކް(https://hcc.presidency.gov.mv) ގައިވާ ފޯމު ފުރިހަމަކުރުމަށް ރައީސް އޮފީހުން އެދެއެވެ.

comment ކޮމެންޓް