އެއާ އެސްޓާނާ އިން ރާއްޖެއަށް ދަތުރު ފަށަނީ

ކަޒަކިސްތާނުގެ ފްލެގް ކެރިއާ، އެއާ އެސްޓާނާގެ ބޯޓެއް--

ކަޒަކިސްތާނުގެ ފްލެގް ކެރިއާ، އެއާ އެސްޓާނާ އިން ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން ވަނީ ނިންމައިފައެވެ. މިއާއެކު ކަޒަކިސްތާނުގެ އަލްމާތީ އާއި ރާއްޖެ އާއި ދެމެދު ހަފްތާއެކު ދެ ދަތުރު ބާއްވާނެއެވެ.

އެއާ އެސްޓާނާ އިން ބުނީ ރާއްޖެއަށް ބާއްވާ ދަތުރުތައް ކުރާނީ އެ އެއާލައިނުގެ އޭއާބަސް 321LR ގައި ކަމަށެވެ. ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު މި ދަތުރުތައް ބާއްވާނެއެވެ.

ސެންޓްރަލް އޭޝިއާގައި ހިމެނޭ ކަޒަކިސްތާނަކީ ރަޝިއާ ހިމެނޭ ސަރަހައްދުގެ ގައުމަކަށްވާއިރު މިއީ ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ސަރަހައްދެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ.

ކުރިއަށް އޮތް ފިނި މޫސުމާއި ފަތުރުވެރިިކަމުގެ ސީޒަނާ ދިމާކޮށް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރު ފަށަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ފިނިމޫސުމާ ދިމާކޮށް ހާއްސަ ދަތުރުތައް ރާއްޖެއަށް ކުރާނެ އެއާލައިންތައްވެސް ހިމެނެއެވެ.

މިހާރުވެސް 15 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 37،468 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެއެވެ.

comment ކޮމެންޓް