ހަތަރު މެޗުން ދެ ޕޮއިންޓް، ބާސެލޯނާއަށް މިވަނީ ކިހިނެއް؟

ބާސެލޯނާއާއި އަލަވެސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//ލަައިވްސްކޯ

ސްޕެނިޝް ލީގުގައި ރޭ އަލަވެސް އާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ބާސެލޯނާ މީގެން ޒަމާނަކު ނުވެއްޓޭހާ ބޮޑުތަން ޖަށަށް ހިނގައްޖެ އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ބާސާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު މިވަގުތު އޮތީ ޖުމުލަ އަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ 12 ވަނައިގަ އެވެ. މިއީ 2002 ގެ ފަހުން ބާސެލޯނާ ފުރަތަމަ ހަ މެޗަށް ފަހު މިހާ ބޮޑުތަން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ސީޒަން ބާސެލޯނާއިން ނިންމާލީ ހަވަނައިގަ އޮވެގެންނެވެ.

ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ސީޒަނާ ކުރިމަތިލި ބާސެލޯނާއިން ރޭގެ މެޗަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެއްކީ ވަރަށް ވެސް އާދައިގެ ކުޅުމެކެވެ. ނަތީޖާއަކަށްވީ ހެދުނު ޑިފެންސިން މިސްޓޭކެއްގެ ފައިދާ ނަގައި އިދިކޮޅު އަލަވެސްއިން ލީޑު ނެގުމެވެ. ޖެރާޑް ޕީކޭ ފަހަތަށް ޖައްސާލި ބެކްޕާސް ކީޕަރު ނެޓޯ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ބޯޅަ ގެއްލުނު އިރު އަލަވެސްއަށް މިގޯލު ޖަހައިދިނީ ލުއިސް ރޮޖާ އެވެ.

އަލަވެސްގެ ގޯލަށްފަހު ބާސެލޯނާއިން ބޮޑުތަނުން ކުޅުން ރަނގަޅުކޮށް، ދެވަނަ ހާފަށް އެ ޓީމުން ނުކުތީ ތިން ބަދަލަކާ އެކު އެވެ. އެ ހާފުގައި ބާސެލޯނާއިން އަލަވެސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އިރު، ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. އެއަށް ފަހު ވެސް ގްރީޒްމަން އަދި ކެޕްޓަން ލިއޮނެލް މެސީ ބާސެލޯނާއަށް ގޯލުތައް ޖަހައިދިން އިރު ރެފްރީ ވަނީ އެ ގޯލުތައް އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޔުވެންޓަސް ބަލިކުރުމަށްފަހު އައިސް ސްޕެނިޝް ލީގުގެ އާދައިގެ ޓީމެއްގެ އަތް ދަށުވެ، ބާސެލޯނާއަށް ހާސްކަން ކުރިމަތިވެފައިވާ އިރު މެޗަކަށްފަހު މެޗެއް އެ ޓީމުގެ ކޯޗު ކޫމަންއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

އަނެއްކޮޅުން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ރެއާލް މެޑްރިޑް ޖާޒީގައި އެޑެން ހަޒާޑް ޖެހި ފުރަތަމަ ގޯލާއެކު ރެއާލްއިން ހުއެސްކާގެ މައްޗަށް ކުރި ހޯދައި، ތާވަލުގެ އެއްވަނައަށް ވަނީ އަރައިފަ އެވެ.

ރޭ ރޭއަލްގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 11 ގައި ހަޒާޑް ހިމެނުނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ގޯލު ހަޒާޑު ޖަހައިދިން އިރު އެ މެޗުގައި ކަރީމް ބެންޒީމާގެ ދެ ގޯލާއި، ފެޑެރިކް ވަލްވާޑޭގެ ގޯލެއް ވަނީ ފެނިފަ އެވެ.

ރޭގެ މެޗުގައި ރެއާލްއާ އިދިކޮޅަށް ކުޅުނު ހުއެސްކާގެ ހަމައެކަނި ގޯލް ޖަހައިދިނީ ޑޭވިޑް ފެރޭރޯއެވެ.

comment ކޮމެންޓް