ދޯނި ހައިޖެކްކުރުން: ހައްޔަރުކުރި އެންމެން ދޫކޮށްލުމުން އިސްތިއުނާފުކޮށްދޭން އެދިއްޖެ

ފަސްކުރި ދޯނި

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް "ފަސްކުރި" ކިޔާ މަސްދޯންޏަށް ތޫނު އެއްޗެހި ހިފައިގެން އެރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި 16 މީހުން ވެސް ކޯޓުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި 16 މީހަކު ހައްޔަރު ކުރި އިރު، އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި 16 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

"އެހެންކަމުން އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕީޖީ އޮފީހުގައި ވާނީ ދަންނަވާފައި،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ބަޔަކު އެރި މައްސަލަ އަކީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށާއި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ވެސް ތަހުގީގުގެ ތެރެއިން ބެލިގެން ދާނެ ކަމަށެވެ.

މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށާއި އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ދޯނީގެ 22 ފަޅުވެރީންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި، އެމީހުން އެހީއަށް އެދި ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރުމުން ފުލުހުންގެ ފަރާތުން ވެސް އަދި އެމްއެންޑީއެފްގެ ފަރާތުން ވެސް އެހީއެއް ނުލިބުނު ކަމަށް ބުނެފައިވެއެވެ.

އަދި ދޯނި ލ. ގަމަށް ވެއްދުމަށްފަހު ދޯނި ބަނދަރުގައި އޮތް އިރުވެސް، ދޯންޏަށް އެރި މީހުން ފަޅުވެރިންނަށް އިންޒާރު ދެމުން ދިޔައީ ފުލުހުންގެ ކުރިމަތީގައި ކަމަށާއި އަދި ސަލާމަތުން އެ ރަށުން ފުރޭނެ ގޮތެއް ހަދައިދިނުމަށް ފުލުހުންގެ ފަރާތުން އެހީއަށް އެދުމުން ވެސް އެހީތެރިކަން ނުލިބުނު ކަމަށް ފަޅުވެރިން ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިފައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ، އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

comment ކޮމެންޓް