ހައިޖެކްކުރި މަސްދޯނީގެ ފަޅުވެރިންގެ ވާހަކަތައް ބިރުވެރި!

ފަސްކުރި" ނަމަކަށް ކިޔާ މަސްދޯނި

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް "ފަސްކުރި" ކިޔާ މަސްދޯންޏަށް ބަޔަކު ތޫނު އެއްޗެހި ހިފައިގެން އަރައި އެ ދޯނި ހައިޖެކް ކުރި މައްސަލައިގައި އެ ދޯނީގެ 22 ފަޅުވެރިން ވާހަކަ ދައްކައިފިއެވެ.

އެ ދޯނީގެ ފަޅުވެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދޯންޏަށް ތޫނު އެއްޗެއްސާއެކު ބަޔަކު އެރީ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ކަމަށެވެ.

އަދި ތޫނު އެއްޗެއްސާއި އެކު ދޯންޏަށް އަރައި އެދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ލ. ގަމަށް ގެންދިޔަ ހާދިސާ އޮޅުވާލައި، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ދޯނި ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް ވިއްކި ލ.ގަން/ތުނޑި، އިހްރާމްގޭ އިދުރީސް ހުސައިން، ބަޔާނެއް ނެރެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ދޯނީގައި އެވަގުތު ތިބި 22 ފަޅުވެރިން ވަނީ އިދުރީސް ހުސައިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

އަދި ވަޑިނޮޅި ކައިރީގައި އެންދެމުގެ މަސައްކަތްގައި ތިއްބާ ދޯންޏަށް ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު އެއްޗެއްސާއި އެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކައި، ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ލ. ގަމަށް ގެންދިއުމަށް ހިންގި ލާއިންސާނީ ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ އިދުރީސް ހުސެއިން ކަމަށް ވެސް ފަޅުވެރިން ވަނީ ބުނެފައެވެ.

ފަޅުވެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިދުރީސް ހުސެއިން އާއެކު ދޯންޏަށް 27 މީހުން އެރި ކަމަށެވެ. އަދި އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފަޅުވެރިން ތުހުމަތު ކުރެއެވެ.

އެމީހުން ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮއްވާ ހޭލައްވައި، ދޯނި ސްޓާޓު ކޮށް ދުއްވުމަށް އަމުރު ކުރީ ވަޅި އާއި އެކު ތިބި ތިން މީހަކު ކަމަށާއި އެތިން މީހުން ތިބީ ވީލް ހައުސް ތެރޭ ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ކަމަށް ވެސް ބަޔާނުގައިވެއެވެ.

"އެމީހުން އެގޮތަށް އެންގި އިރު އިދުރީސް ހުސެއިން ވެސް ދޯނީގެ ވީލް ހައުސް ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ދޯންޏަށް އެރި މީހުން އޭރު ހަޅޭލަވައި، ހުތުރު ބަހުން އެއްޗެހި ގޮވައި ފަޅުވެރިންނަށް ދިޔައީ ބިރު ދައްކަމުންނެވެ. އަދި ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކި ކަންކަން ކުރުމަށް ދިޔައީ އަމުރު ކުރަމުންނެވެ." ބަޔާނުގައިވެއެވެ.

އެގޮތުން ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާއަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި، "އަވަސް ކުރޭ، ނޫނީ ވަޅި ތަޅާލާނަމޭ" ބުނެ ބިރު ދައްކަމުން ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިއްކޮށް އަވަސް ކުރުމަށް އެންގި ކަމަށް އެ ބަޔާނުގައިވެއެވެ.

"ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ވަނީ ހޫނު ފެން އަޅާފައެވެ." ފަޅުވެރިން ބުންޏެވެ.

ހާދިސާ ހިނގަމުން ދިޔަ ވަގުތު އެހީއަށް އެދި އެއްވެސް ފަރާތަކަށް ގުޅާނެ ފުރުސަތެއް ދޯނީގައި ތިބި އެއްވެސް ފަޅުވެރިއަކަށް ލިބިފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިއަކު ފާހާނާއަށް ދާން ޖެހޭ ކަމަށް ބުނެ ދޯނީގެ ފާހާނާއަށް ވަދެ ޖީބުގައި އޮތް ފޯނުން ސ. މީދޫގައި ހުންނަ ޕޮލިހުންގެ އިދާރާއަށް މައްސަލަ ރިޕޯޓުކޮށް ހާދިސާގެ މައުލޫމާތު ހިއްސާކުރި ނަމަވެސް ފަޅުވެރިންނަށް ފުލުހުންގެ ފަރާތުން ވެސް އަދި އެމްއެންޑީއެފްގެ ފަރާތުންވެސް އެހީތެރިކަމެއް ލިބިފައި ނުވާކަމަށް ވެސް ފަޅުވެރިން ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައިވަނީ އެރޭ ދަންވަރު ތިނެއް ޖަހާކަށް ހާއިރު ކަމަށެވެ.

ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާނު ކަނޑަށް އުކާލި ކަމަށާއި ދޯނި ލ.ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބި ކަމަށް ބަޔާނުގައިވެއެވެ.

"ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ވަނީ ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައެވެ. އޭގެ ތެރޭގައި އިދުރީސް ހުސެއިންވެސް ހިމެނެއެވެ. ފުލުހުން އެމީހުން ފޮނުވާލީ އެމީހުންގެ ނަން ނޯޓު ކުރުމަށްފަހުއެވެ. އަދި އޭގެ ފަހުން ދޯންޏަށް ފުލުހުން އަރައި، މައުލޫމާތު އޮޅުން ފިލުވައި ދޯނި ރަހީނު ކުރުމަށް އައި މީހުން ދޯންޏަށް އެރުވި ދަނގަޑާއި ތޫނު އެއްޗެހިތައް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔައެވެ. އޭގެ ފަހުން ފުލުހުން ބުނީ ހާދިސާގެ ތަހްގީގު ފެށޭނީ ތަންތަން ހުޅުވުމުން ހެނދުނު 8 ގެ ފަހުން ކަމަށެވެ."

ދޯންޏަށް ގެންދިޔަ ތޫނު އެއްޗެހި ދޯނީގައި ހުރި ކަމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

މައްސަލައާ ގުޅިގެން ދޯނީގެ ފަސް ފަޅުވެރިއެއްގެ ބަޔާން ފަހުން ނެގުމަށް ފަހު ދޯނި ފުރައިގެން ދިއުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނުން ކެޕްޓަނަށް ފޯނުން އެންގި ނަމަވެސް ދޯންޏާއެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތްކަމަށް ކެޕްޓަން ފުލުހުން ގާތު ބުނި ކަމަށް ބަޔާނުގައިވެއެވެ.

ދޯނި ލ. ގަމު ބަނދަރަށް ކައިރި ކުރި ހިނދުން ފެށިގެން ދޯނި ކައިރީގައި ދޯނީގެ ވެރިމީހާގެ މީހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި އަދި ދޯނި ދޫކޮށް ފޭބުމަށް އޭރުވެސް އެމީހުން އަންގަމުން ދިޔަކަމަށް ފަޅުވެރިން ބުންޏެވެ.

"އަދި ހަވީރު ފަހެއްގެ ކުރިން ދޯނިން ނުފާބައިނަމަ "ކޮށާލާނެ" ކަމަށް ބުނެ ދިޔައީ އިންޒާރު ދެމުންނެވެ. އެ މީހުން އެފަދަ އިންޒާރު ދެމުން ދިޔައިރުވެސް ފުލުހުން އެތަނުގައި ތިބި ކަން ފާހަގަ ކުރަމެވެ."

ދޯނީގެ ފަޅުވެރިންނަށް ރައްކާތެރި މާހައުލެއް ނެތުމުން ފުލުހުންގެ ފަރާތުން އެހީއަށް އެދި، ފުރައިގެން ރަށައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަޅުވެރިން ފައިސާ ދޭ ގޮތަށް އުނޅަދެއް ހޯދައި ދިނުމަށް އެދުނު ކަމަށާއި ނަމަވެސް ފުލުހުން އެކަން ކޮށްދީފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"ދޯނި ރަހީނު ކުރި އިރުން ފެށިގެން ނަފްސާނީ ބިރުވެރިކަމެއްގައި ތިބި ފަޅުވެރިންނަށް އިތުރު ބިރުވެރިކަމެއް ލިބުނީ ކުއްލިއަކަށް އަނެއްކާވެސް އިދުރީސް ހުސެއިންގެ ފަރާތުން ބަޔަކު ދޯންޏަށް އެރުމުންނެވެ. ހަވީރު ފަހެއް ޖެހި އިރު އިދުރީސް ހުސެއިންގެ މީހުން ވަނީ ދޯންޏަށް އަރައި އެންމެން ދޯނި ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި ދޯނިން އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމަށް ދޯންޏަށް އެރި މީހުން ފަޅުވެރިންނަށް އެންގިއެވެ."

ގޮތް ހުސްވެ، އެއްވެސް ފަރާތަކުން އެހީއެއް ނުލިބި ތިބި ފަޅުވެރިން ލ. ހިތަދޫއަށް ގެންގޮސްދިނީ ލ. ގަމު ދޯންޏެއް ކަމަށްވާ "ފަހިމަގު" ދޯނީގެ ވެރިޔާ ކަމަށާއި، އެކަމަށް ފަހިމަގު ދޯނިން އެއްވެސް އުޖޫރައެއް ނަގާފައި ނުވާކަމަށް ފަޅުވެރިން ބުންޏެވެ.

އަދި ފަޅުވެރިން ލ. ހިތަދޫއަށް ގެންގޮސްދިނުމަށް ފަހު އެ ދޯނީގެ ކެޕްޓަން އެރަށުގައި ތިބި އޭނާގެ ރައްޓެހިންނަށް ގުޅައި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އޭނާ ފުރައިގެން ދިޔައީ ފަޅުވެރިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބުނުކަން ޔަގީން ކުރުމަށްފަހުގައި ކަމަށެވެ.

"މިއީ ރަހީނު ކުރި ހާދިސާއަށް ފަހު ފަޅުވެރިންނަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމެވެ. އެހެންވެ ދޯނީގެ އެންމެހާ ފަޅުވެރިންގެ ހިތުގެ ފުންމިނުން "ފަހިމަގު" ދޯނީގެ ވެރިޔާ އަދި ކެޕްޓަނަށް ޝުކުރު ދަންނަވަމެވެ."

ދޯނީގައި ތިބި ފަޅުވެރިން އެ ހާދިސާ ސިފަކުރަނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައެވެ. އަދި ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި، ސުލްހަވެރިކަމާއި އެކު ދޯނި ހޯދީކަމަށް ބުނެ ފަސްކުރި ދޯނީގެ ވެރިޔާ ދައްކަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ވެސް ފަޅުވެރިން ބުންޏެވެ.

"އަދި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށައް ފުރުވާ ދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ކަނޑައެޅިގެން ދޮގެކެވެ. އަދި ދޯންޏަށް ތޫނު އެއްޗެއްސާއި އެކު ނާރާކަމަށް ބުނި އިރު މި މައްސަލައިގެ ތަހްގީގަށް ފުލުހުން ދޯނިން ގެންދިޔަ ތޫނު އެއްޗެއްސަކީ އިދުރީސް ހުސެއިން އާއި އެކު ގޮސް ދޯންޏަށް އެރި މީހުން ގެންދިޔަ ތަކެއްޗެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއި އެކު އަރައި ބަޔަކު ރަހީނުކޮށް ހިންގި އެންމެ ލާއިންސާނީ އަމަލެވެ."

މައްސަލަ ތަހުގީގު ކުރުމުގައި ލަސްވުމަކީ ދިވެހި އެންމެހާ މަސްވެރިންނަށް ލިބިގެންދާ ބިރުވެރި އިންޒާރެއްކަމުގައި ދެކޭ ކަމަށާއި އަދި މައްސަލަ އަވަހަށް ތަހުގީގުކޮށް ދޯންޏަށް ހަތިޔާރާއެކު އަރައި ފަޅުވެރިން ރަހީނުކުރި އެންމެންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.

މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށާއި އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް