ކްރިތީ އާއި ރާޖްކުމާރު ކުޅޭ ފިލްމުގެ ނަން އިއުލާންކޮށްފި

ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަން---

ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކްރިތީ ސެނަން އާއި ރާޖްކުމާރު ރާއޯ އެކުގައި ކުޅޭ ފިލްމުގެ ނަން އާންމުކޮށްފި އެވެ.

ޚަބަރުތައް ބުނާގޮތުގައި ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމުގެ ނަމަކީ "ހަމް ދޯ ހަމާރޭ ދޯ"އެވެ. މި ފިލްމަށް މި ނަން ކީއިރު ކުރިން މި ފިލްމަށް ކިޔަން ނިންމީ "ސެކަންޑް އިނިންގްޒް" އެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ އަބީޝެކް ޖެއިން އެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ކްރިތީ އާއި ރާޖްކުމާރު މިހާރު ހުރީ ޗަންދީގަރުގަ އެވެ.

ފިލްމުގެ ލީޑުތަރިންގެ ގޮތުގައި ކްރިތީ އާއި ރާޖްކުމާރު ފެނިގެންދާއިރު މި ފިލްމުން ޕަރޭޝް ރާވަލް އާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން އަޕަރްޝަކްތީ ކުރާނާ ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ފިލްމުގެ ވާހަކައަކީ މައިންބަފައިންގެ އުމުރުން ދުވަސްވުމުން އެމީހުންގެ ހަޔާތަށް އަންނަ ހުސްކަން ފިލުވާލައިދިނުމަށް މަސައްކަތްކުރަމުން އަން ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އަންނަ އަހަރު ތެރޭ ސްކްރީނުކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ކޮމެޑީ ޖޯންރާއަކަށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިކަން އެވެ. ރާޖްކުމާރު އާއި ކްރިތީ އެކުގައި މީގެ ކުރިން ވަނީ ފިލްމެއް ކުޅެފައެވެ. އެއީ 2017 ވަނަ އަހަރު ނުކުތް "ބަރްލީ ކީ ބަރްފީީ"އެވެ.

comment ކޮމެންޓް