ގޫގަލް އިންޓަނެޓް ޕްރޮޖެކްޓުގެ ބެލޫންއެއް ރާއްޖެއަށް ވެއްޓިއްޖެ

ގޫގަލް އިން ފަގީރު ގައުމުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ގޫގަލް ލޫން" ޕްރޮޖެކްޓްގެ ބެލޫން އެއް ވެއްޓިފައި --- ފޮޓޯ : އެމްއެންޑީއެފް

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި ގޫގަލްއިން ކުރިއަށް ގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖޭގެ ސަރަހައްދަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް"ގެ އެ ބެލޫން ވެއްޓުމާ ގުޅިގެން ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެ ބެލޫން ވެއްޓިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކަމަށާއި އެކަމުގެ މައުލޫމާތު ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދީފައިވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ އެ ބެލޫން ވެއްޓުނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ކަމަށެވެ.

ބެލޫން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަހައްދަށް ގޮސް، އެ ބެލޫން ވަނީ ހޯދާފަ އެވެ. އަދި، ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑޫއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށްގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް