ތައިލޭންޑުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވިޔަސް މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފި

ތައިލޭންޑުގައި މުޒާހަރާ ކުރާ މީހުން ވަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވިޔަސް ރަސްކަމަށް އިސްލާހުތައް ނުގެންނަ ނަމަ މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

ބޭންކޮކް (އޮކްޓޯބަރު 29): ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ އިސްތިއުފާ ދެއްވި ނަމަވެސް، އެގައުމުގެ ރަސްކަމަށާއި ގާނޫނު އަސާސީއަށް އިސްލާހު ނުގެންނަ ނަމަ މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް އެ މުޒާހަރާތަކުގެ ބައިވެރިން ބުނެފި އެވެ.

ތައިލޭންޑުގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ލީޑަރެއް ކަމަށްވާ ޖަތުޕަޓް ބޫންޕަޓަރަރަކްސާ ބުނި ގޮތުގައި ޕްރަޔުތު އިސްތިއުފާ ދެއްވި ނަމަވެސް އޭނާއާ އެއްގޮތް މީހަކު އަނެއްކާ ވެސް ވެރިކަމަށް އިސްވާނެ އެވެ. އަދި ކުރިން ވެސް އޮތް މައްސަލަތައް އަނެއްކާ ވެސް ކުރިމަތިވާނެ އެވެ. އެހެންކަމުން ގައުމުގެ ސަރުކާރަށާއި ގާނޫނު އަސާސީއަށާއި ރަސްކަމަށް އެއް ފަހަރާ ބަދަލު ގެންނަން ޖެހެ އެވެ.

"އަހަރެމެންގެ ހުރިހާ ޑިމާންޑުތަކަށް އަމަލު ނުކުރަނީސް މުޒާހަރާތަކަށް ހުއްޓުމެއް ނާންނާނެ. ޕްރަޔުތު އިސްތިއުފާ ދެއްވިޔަސް އޭނާއާ އެއްގޮތް މީހަކު އެމަގާމަށް އިސްވާނެ އަދި އަހަރެމެންނަށް އެއް މައްސަލަތަކެއް ދިމާވާނެ. ސަރުކާރަށާއި ގާނޫނު އަސާސީއަށާއި ރަސްކަމަށް ބަދަލުތައް ގެންނަން ޖެހެނީ އެއް ފަހަރާ،" ޖަތުޕަޓް ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރު ތައިލޭންޑުގެ ބޮޑުވަޒީރުގެ މަގާމަށް ޕްރަޔުތު ވަޑައިގެންނެވީ އަސްކަރީ ބަޣާވާތަކުންނެވެ. އަދި އެގައުމުގައި މިހާރު އޮތީ އޭނާގެ އަސްކަރީ ވެރިކަމުން އެކުލަވާލި ގާނޫނު އަސާސީއެކެވެ. އެ ގާނޫނު އަސާސީގައިވާ ގޮތުން ގައުމުގެ ސެނެޓުގައި ތިއްބަވާ 250 މެމްބަރުން އައްޔަން ކުރަނީ ތައި އަސްކަރިއްޔާއިންނެވެ.

މީގެ އިތުރުން އެގައުމުގެ ގާނޫނުތަކުގައި ވަނީ ރަސްކަމަށް ފާޑު ކިޔުން މަނާކޮށް، ޝާހީ އާއިލާގެ އަބުރަށް އަރައިގަންނަ މީހަކު ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ ކަަމަށް ބުނެފަ އެވެ.

ތައިލޭންޑުގެ ޔުނިވާސިޓީ އަދި މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުން އާންމު ގޮތެއްގައި އިސް ނަގައިގެން ބާއްވާ މުޒާހަރާތައް މި އަހަރު ފުރަތަމަ ފެށީ ފެބްރުއަރީ މަހުގަ އެވެ. އެއީ މިދިޔަ އަހަރު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނައިން ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބު ކުރި ފިއުޗާ ފޯވާޑް ޕާޓީ (އެފްއެފްޕީ) ކޯޓު އަމުރެއްގެ ދަށުން އުވާލުމުންނެވެ.

އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން މުޒާހަރާތައް ހުއްޓުނު ނަމަވެސް މި އަހަރުގެ މެދުތެރޭގައި އަނެއްކާ ވެސް މުޒާހަރާތައް އިތުރުވި އެވެ. އެ މުޒާހަރާގެ ބައިވެރިން ދަނީ ޕްރަޔުތު އިސްތިއުފާ ދެއްވައި، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އިތުރުން، ރަސްގެފާނުގެ ބާރުތައް ކުޑަކޮށް، ޝާހީ އާއިލާއަށް ފާޑުކިޔުން މަނާ ކުރާ ގާނޫނު އުވާލަން ގޮވާލަމުންނެވެ.

ނަމަވެސް ބޮޑުވަޒީރު ޕްރަޔުތު ވަނީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ މުޒާހަރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންގާރަ ދުވަހު ބޭއްވި ޕާލިމެންޓު ބައްދަލުވުމެއްގައި އޭނާ ވަނީ މުޒާހަރާ ކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެއްވުންތައް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް