ނޮވެމްބަރުން ފެށިގެން ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭން ފަށަނީ

ފެމެލީ ކޯޓު

ކޮވިޑް19 އާ ގުޅިގެން ހަމައެކަނި ރަސްމީ ގަޑީގައި ކައިވެނި ކޮށްދޭގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ނިންމައިފިއެެވެ.

ފެމެލީ ކޯޓުން މިއަދު ބުނީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑީގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ އޮކްޓޫބަރު 20 ވަނަ ދުވަހު ބޭއްވި ފެމިލީ ކޯޓު ގާޒީންގެ އާންމު މަޖިލީހުންނެވެ.

އެގޮތުން ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 09:00 އާ ހަމައަށް ކަމަށާއި އަދި ނުރަސްމީ ގަޑީގައި ކުރާ ކައިވެނީގައި ނަގާނީ މީގެ ކުރިންވެސް ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކައިވެނީގައި ނަގަމުން އަންނަ ފީ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.

މި ބަދަލު ގެނައި ނަމަވެސް ކައިވެނީގެ މަޖިލިސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ކޯޓުން ބުނީ މިބަދަލު ގެނައީ ކޮވިޑް19ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންގެންދިއުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

comment ކޮމެންޓް