ކުޓީނިއޯއަށް އަނިޔާވެ އެއްމަހަށް ކުޅުމާ ދުރަށް

ބާސެލޯނާ ކުޅުނު މެޗެއްގައި ގޯލް ޖެހުމަށްފަހު ކުޓީނިއޯ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ބްރެޒިލިއަން މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މަދުވެގެން އެއްމަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ބްރެޒިލް ގައުމީ ޓީމުން ބުނެފި އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު އެއްކޮށް ކުޅުނު ކުޓީނިއޯއަށް އަނިޔާވެފައިވާކަން މެޗަށްފަހު ބާސެލޯނާއިން ވަނީ ހާމަކޮށްފަ އެވެ. އަދި އަނިޔާގެ ސީރިއަސްކަން ބެލުމަށްފަހު ކުޓީނިއޯ އެނބުރި ކުޅުމުގައި ބައިވެރިވެވޭނެ ތާރީހެއް ހާމަކުރާނެ ކަމަށް ބާސެލޯނާއިން ވަނީ އޭރު ބުނެފަ އެވެ.

އެއާ އެކު ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރުންގެ ޓީމެއް ވެސް ވަނީ ކުޓީނިއޯއަށް ފަރުވާ ދިނުމަށް ސްޕެއިނަށް އައިސްފަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ބްރެޒިލްގެ ގައުމީ ޓީމުން ބުނީ، ކުޓީނިއޯއަށް ކުރިމަތިވެފައި ވަނީ ހެމްސްޓްރިންގް އިންޖަރީއެއް ކަމަށާއި، އެކަމުން ފަރުވާލިބި ފުލް ފިޓްނަސްއަށް އައުމަށް މަދުވެގެން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް މަހުގައި ބްރެޒިލުން ކުޅޭ ވޯލްޑް ކަޕު ކޮލިފައިންގް މެޗުތަކުގައި ކުޓީނިއޯއަށް ނުކުޅެވޭނެ އެވެ. ކުޓީނިއޯގެ އިތުރުން ބްރެޒިލްގެ ސެންޓްރަލް މިޑްފީލްޑަރު ފަބީނިއޯއަށް ވެސް އަނިޔާވެފައިވާ އިރު، ފަބީނިއޯއަށް ވެސް ދިމާވެފައިވަނީ ހެމްސްޓްރިންގް މައްސަލަ އެވެ.

ލޯން އެއްބަސްވުމެއްގައި ބަޔާން މިއުކުގައި ހޭދަ ކުރި ކާމިޔާބު ސީޒަނަށް ފަހު އެނބުރި އައިސް ކުޓީނިއޯ އަންނަނީ ބާސެލޯނާގައި ތަފާތު ކުޅުމެއް ދައްކައި، ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން މުހިއްމު މެޗުތަކެއް ކުލަބު ފުޓުބޯޅައިގައި ވެސް ކުޓީނިއޯއަށް ގެއްލޭނެ އެވެ.

އެގޮތުން މިރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭ އިރު، ކުޓީނިއޯއަށް އެނބުރި އާދެވޭނީ އަންނަ މަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

comment ކޮމެންޓް