މަނަދޫއާއި، އިހަވަންދޫ ފުޓުބޯޅަ ދަނޑުގައި ސަބްބޭސް އެޅުމަށް ހަވާލުކޮށްފި

ހއ. އިހަވަންދޫއާއި، ނ. މަނަދޫ ބޮޑު ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް މަސައްކަތް ނިންމުމަށް އާރްކޭއެލް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއި ކުރަނީ --- ފޮޓޯ//ޔޫތް މިނިސްޓްރީ

ހއ. އިހަވަންދޫ އަދި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެކުންފުންޏާ ހަވާލުކުރީ މިއަދު މެންދުރުފަހު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމެވެ. އަދި އާރުކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ އާސިރުއެވެ.

ހއ. އިހަވަންދޫ ދަނޑުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،321،105.71 ރުފިޔާއަށެވެ. އަދި ނ. މަނަދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،219،130.81 ރުފިޔާއަށެވެ. މި އެއްބަސްވުމާއެކު މަސައްކަތުގެ ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު 100 ބޮޑު ފުޓްބޯޅަ ދަނޑު އެޅުމުގެ ބޮޑު ވައުދު ފުރިހަމަ ކުރަން ބާކީ ތިން އަހަރެއްހާ ދުވަސް އޮތް އިރު، ކޮވިޑްގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ދަތިކަމާ އެކު ކުރިން ކުރަމުން ދިޔަ މަސައްކަތްތަކަށާއި، ބަޖެޓުގައި ހިމަނާފައި ހުރި ބައެއް ކަންކަމަށް ވެސް ބޮޑު މަޑުޖެހުމެއް ވަނީ އައިސްފަ އެވެ. އެހެން ނަމަވެސް ބާކީ އޮތް ތިން އަހަރުގެ ތެރޭގައި ދެވަނަ ޕްލޭނަކަށް ގޮސްގެން ވިޔަސް މި ވައުދު ފުއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް އެއްކޮށް ނިންމާލެވިފައި ވަނީ ފަސް ރަށެއްގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތެވެ. ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ އަދި ނ. ހޮޅުދޫގެ ދަނޑުގެ މަސައްކަތް މުޅިން ނިންމާލާފައިވާ އިރު، ކުރިއަށް އޮތް ތިން އަހަރަކީ ގިނަ ރަށްތަކެއްގައި ދަނޑުތަކުގެ މަސައްކަތް ފެށި ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ތިން އަހަރުކަން މަހްލޫފް ވަނީ މީގެ ކުރިން ފާހަގަ ކުރައްވާފަ އެވެ.

މަހްލޫފް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ދައުލަތަށް ދިމާވި މާލީ ދަތިކަމާ އެކު ފިނޭންސް މިނިސްޓްރީން މިއަހަރުގެ ބަޖެޓުގައި ހިމެނުނު ބައެއް ދަނޑުތަކުގެ މަސައްކަތް މަޑު ޖައްސާލުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް