ކޮވިޑުން ރަނގަޅު ނުވުމުން ބާސާ މެޗުގައި ރޮނާލްޑޯ ނުކުޅޭނެ

މިލާން ކޮޅަށް ގޯލް ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ -- ޕީޓާ ހެންސަން

ކޮވިޑްގެ ޝިކާރައަކަށްވެފައިވާ ޕޯޗުގަލްގެ ޔުވެންޓަސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހުގެ ޓެސްޓްތައް ވެސް ޕޮޒިޓިވްކަމަށް ދެއްކުމުން މިރޭ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ހާމަވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ބާސެލޯނާއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުވެންޓަސް ނުކުންނަ އިރު، މި މެޗަކީ މުޅި ދުނިޔެ އިންތިޒާރަށް އޮތް މެޗެކެވެ. ދެ ކުލަބުގެ ކުރިމަތިލުމެއް ވުރެން މި މެޗު ހާއްސަވެފައި ވަނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ޒުވާބުގައި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ބާސެލޯނާގެ ލިއޮނެލް މެސީއާއި، ރޮނާލްޑޯގެ ކުރިމަތިލުމެވެ.

ޔޫއެފާއިން ގުރުވަތުގައި މި ދެކުލަބު ވާދަކުރާނެ ކަން އިއުލާން ކުރި ހިސާބުން ސަޕޯޓަރުންގެ ވެސް އެންމެ އުންމީދެއް ކުރަމުން އައި މި މެޗުގައި ރޮނާލްޑޯއަށް ކުޅެވޭ ގޮތް ނުވީ، ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވް ނުވުމުންނެވެ. ރޮނާލްޑޯ އަލުން އިއްޔެ ވައިރަހަށް ޓެސްޓުކުރިއިރު، އޭނާ އަދިވެސް ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ޓެސްޓުން ވަނީ ދައްކާފައެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.

ޔުވެންޓަސްގެ ކޯޗު އަންޑްރޭ ޕިރްލޯ ބުނީ، ރޮނާލްޑޯ މެޗުގައި ކުޅެވޭނެ ކަމަށް އެންމެ ފަހު ވަގުތާ ޖެހެންދެން އުންމީދު ކުރި ކަމަށެވެ. އެހެން ނަމަވެސް 15 ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު ރޮނާލްޑޯ އެނބުރި އައިސް ޓީމާ އެކު ފުލްކޮށް ނުކުޅެވިދާނެ ކަމަށް އޭނާ ކުރިން ވަނީ ބުނެފަ އެވެ.

ޕޮޒިޓިވް ވުމާއެކު ރޮނާލްޑޯ އަމިއްލައަށް އެކަހެރިވެފައިވާއިރު، އޭނާ ވަނީ އަމިއްލަ ޖެޓުގައި އަނބުރާ އިޓަލީއަށް ގޮސް ކަރަންޓީނު ފުރިހަމަ ކުރަން ފަށާފައެވެ. ޕޯޗުގަލްގައި އެއް ދުވަސް މަޑުކުރުމަށްފަހު ރޮނާލްޑޯ އަނބުރާ އިޓަލީއަށް ދިޔަ ދިޔުމާއި ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިސެންޒޯ ޕަޑަފޯރާ ވަނީ ސެރެއާ އޭގެ އޮފިޝަލުންނަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

ރޮނާލްޑޯއާ އެކު ޔުވެންޓަސްގެ މުހިއްމު ބައެއް ކުޅުންތެރިން މިވަގުތު އަނިޔާގައި ތިބުމުން އެޓީމަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ޔުވެންޓަސް އެއްވަރުވި އިރު، ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކިއެވް އަތުން 0-2 އިން ޔުވެންޓަސް ވަނީ މޮޅުވެފަ އެވެ.

comment ކޮމެންޓް