އެމްޓީސީސީގެ ހުޅުމާލެ-ހުޅުލެ މެޓްރޯ ބަސް ދަތުރުތައް މާދަމާ މެންދުރަށް މެދުކަނޑާލަނީ

އެމްޓީސީސީގެ މެޓްރޯ ބަހެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާތީ ހުޅުމާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ އެމްޓީސީސީގެ މެޓްރޯ ބަސް ދަތުރުތައް މާދަމާ މެންދުރުގެ ވަގުތުތަކުގައި މެދުކަނޑާލާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ހުޅުމާލެ-ވީއައިއޭ މެޓްރޯ ބަހުގެ ދަތުރުތައް މެދުކަނޑާލާނީ މާދަމާ މެންދުރު 12:30 އިން 15:00 އާ ހަމައަށް ކަމަށެވެ.

ޕޮމްޕޭއޯގެ ދަތުރުފުޅާ ގުޅިގެން މާދަމާ މެންދުރު 1:00-3:00އަށް ވީއައިއޭގައި އާންމުކޮށް ދަތުރުކުރާ މަގުތައް ވެސް ބަންދުވާނެ އެވެ.

ޕޮމްޕެއޯގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

comment ކޮމެންޓް