ޕޮމްޕެއޯ ވަޑައިގަންނަވާތީ މާދަމާ މެންދުރު އެއާޕޯޓު މަގު ބަންދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާތީ ވަކި ގަޑިތަކެއްގައި ވީއައިއޭގެ މަގުތައް ބަންދުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.

އެމްއޭސީއެލްއިން ބުނީ ވީއައިއޭގެ މަގުތައް މާދަމާ މެންދުރު 1:00 އިން 3:00 އަށް ބަންދުވާނެ ކަމަށެވެ. އަދި ވީއައިޕީ ލައުންޖު ސަރަހައްދުވެސް ހަވީރު 4:00 އިން 5:00އާ ހަމައަށް ބަންދުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މަގުތައް ބަންދުކުރި ނަމަވެސް މެންދުރު 3:00އިން 5:00އާ ހަމައަށް ވީއައިއޭގެ ޑިޕާޗާ ޖެޓީ ސަރަހައްދުން ފެރީއާއި ބަހުގެ ހިދުމަތް ލިބޭނެ އެވެ.

ހަމައެއާއެކު މިވަގުތުތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުން، ލަސްވެގެން މެންދުރު 1:00 ނުވަތަ އޭގެ ކުރިން ޗެކިންވުމުގެ ކަންކަން ފުރިހަމަ ކުރުމަށް ވެސް އެމްއޭސީއެލްއިން ވަނީ އިރުޝާދު ދީފަ އެވެ.

ޕޮމްޕެއޯގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

މީގެ ކުރިންވެސް ފޮރިން މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯ ވަނީ ބައްދަލުވެވަޑައިގެންފަ އެވެ. ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ވަނީ 19 ފެބްރުއަރީ 2019ގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވައިފަ އެވެ.

comment ކޮމެންޓް