އެމްއެމްޕީއާރުސީ އިން ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށްފި

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: މޯލްޑިވްސް ނެޓް

ރާއްޖެއަކީ ޗައިނާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށޭނަ މަންޒިލެއްގެ ގޮތުގައި ޗައިނާގެ ޓްރެވަލް ޓްރޭޑް މާކެޓަށް ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

އެމްއެމްޕީއާރުސީ އިން އިސްނަގއިގެން އޮންލައިންކޮށް ކުރިއަށްގެންދިޔަ މި މާކެޓިން ހަރަކާތްތަކުގައި ޗައިނާގެ އެކި ސަރަހައްދުތަކުން 2،370 ޓްރެވަލް ޓްރޭޑުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވޭނެ ކަންތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ޕްރޮމޯޓުކޮށްފައިވެެއެވެ.

މީގެ އިތުރުން ކޮވިޑު19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ރައްކާތެރިކަމާއެކު ދަތުރުކުރުމާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ވަނީ މި ސެޝަންތަކުގައި ބައިވެރިވެ، އެ ފަރާތްތަކުގެ ޕްރޮޕަޓީތަކާ ބެހޭ މައުލޫމާތު ޗައިނާގެ ޓްރެވަލް ޓްރޭޑަރުންނާ ހިއްސާކޮށްފައެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ޗައިނާގެ ފަތުރުވެރިން ތިބީ ރާއްޖެ އައުމަށް އިންތިޒާރުގައި ކަމަށް ސެޝަންތަކުގެ ބައިވެރިންގެ ފަރާތުން އެނގިގެން ދިޔަ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ބޮޑެތި މާކެޓުތަކަށް އަމާޒުކޮށްގެން ޓްރެވަލް އެޖެންޓުންނަށް ވެބިނާތައް ބޭއްވުމަކީ އެ ކުންފުނީގެ މަކެޓިން ސްޓްރެޓެޖީގައި ހިމަނައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާގެ ޑިޖިޓަލް މާކެޓުގައިވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ހަރަކާތްތައް ހިންގާފައިވެއެވެ. އެގޮތުން ވީޗެޓާއި ވެއިބޯގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ލަންޓުއާގެ ލަގްޒަރީ ރިސޯޓް ރޯޑްޝޯގައި ބައިވެރިވެ، މިޑިއާ އިންޓަވިއުތަކާއި އައުޓްޑޯ ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިްނ އަންނަ އެއް މާކެޓަކީ ޗައިނާ އެވެ. ކޮވިޑުގެ ކުރިން ޗައިނާ އިން 31،744 ފަތުރުވެރިން ޖެނުއަރީ މަހުގެ ތެރޭ ރާއްޖެ އައިސްފައިވެއެވެެ.

ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރިފަހުން އަދި އެ ގައުމުގެ ޑައިރެކްޓް ފްލައިޓުތައް ރާއްޖެ އަންނަން ފަށައިފައެއް ނުވެއެވެ. ނަމަވެސް އަންނަ މަހުތެރޭ ޗައިނާގެ ޑައިރެކްޓް ފްލައިޓުތައް ރާއްޖެ އަންނަން ވަނީ ޝެޑިއުލް ކޮށްފައެވެ.

comment ކޮމެންޓް