ޕާޓީތައް ސަސްޕެންޑު ކުރުމުގެ މާއްދާ ނުލާ، އިސްލާހުތަކުގެ ޑްރާފްޓު އޭޖީއަށް ފޮނުވައިފި

ފެބްރުއަރީ 29، 2020: އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ މެދު ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ ގާނޫނަށް ގެންނަން ފެނުނު އިސްލާހުތަކުގެ ޑްރާފްޓު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އީސީއިން ޑްރާފްޓުކޮށްފައިވާއިރު، އެކަމާ މެދު ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަކަށްވެސް ވަނީ އަހައިފަ އެވެ. އެގޮތުން މިިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެކަމަށް ޓަކައި އީސީއިން ވަނީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.

އިއްޔެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓު ތައްޔާރުކޮށް، އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ޕާޓީތައް ސަސްޕެންޑު ކުރުމުގެ ބާރު އީސީއަށް ދިނުމަކީ މީގެ ކުރިން އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމަނާފައި އޮތްކަމެކެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އިއްޔެ ވިދާޅުވީ، ޑްރާފްޓު ފޮނުވި އިރު، ޕާޓީތައް ސަސްޕެންޑު ކުރުމުގެ ބާރު ދިނުމުގެ މާއްދާ އުނިކޮށްފައިވާ ކަމަށެވެ. އެކަން ކުރީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓު އޭޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނީ އޭޖީ އޮފީހުން އެއާ މެދު ގޮތްތަކެއް ނިންމާފަ އެވެ.

comment ކޮމެންޓް