ވިންދޭ ތިއީ ...

ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެފައި އެމީހަކު ފޯނު ކަނޑާލި އެވެ. އައިވަން އެއްޗެއް ބުނަން އަނގަ ހުޅުވައިލިގޮތަށް ޤަބުވެފައި ހުއްޓެވެ. ކަންފަތުން ފޯނު ނައްޓައިލީ ވެސް ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އެއީ އޭނަގެ ޓިކެޓު ހަމަޖެހިފައިވާ ކަމުގެ ލިޔުމެވެ.

********

އައިވަންގެ ދެއަތް މުށްކެވުނެވެ. ކިތަންމެ ވަރަށް ރުޅި އަޔަސް ކުރެވޭނެ ކަމެއް ނެތެވެ. އެ ކަން އެނގޭ އިރުވެސް އެ ރުޅި މައިތިރިއެއް ނުކުރެވުނެވެ.

އައިވަން ހަލުވި ފިޔަވަޅުތަކެއްގައި ދިޔައީ އެތަނުން ނުކުންނާށެވެ. ކޮމްޕިއުޓަރު ކައިރީގައި އިނދެފައި ހުދާ ކޮޅަށް ތެދުވި އެވެ. އޭނަ އައިވަންއަށް ބަލައިލީ ކުށްވެެރިއަކު ފަދައިން ޖެހިލުންވެފައި ހުރެ އެވެ. ހުދާ އާއި ދިމާއަށް ފާޑަކަށް ބަލައިލުމަށްފަހު، އައިވަން ނުކުމެގެން ދިޔައީ އެވެ.

"އޯ ނޯ... ކީއް މިކުރެވުނީ؟..." ހުދާ އޭނަ އިން ގޮނޑިއަށް ވެއްޓިގަތެވެ.

ދެލޯ މަރާލައިގެން އިނދެ، ކުރެވުނު ކަންތަކުން ނުކުންނާނެ ނަތީޖާ އާއި މެދު އޭނަ ވިސްނައިލި އެވެ. ކުޑަ އިރުކޮޅަކު އެހެން އިނދެފައި އޭނަ ލޯ ހުޅުވާލައިފި އެވެ. ފައްޔާޒާއި އަޒާންގެ ނަޒަރު އަމާޒުވެފައިވީ އޭނަ އަށެވެ. ހުދާ ބަލައިލުމުން އަޒާން އަވަހަށް ކޮމްޕިއުޓަރުގެ އިސްކުރީނަށް ނަޒަރު ހުއްޓާލައިފި އެވެ. ފައްޔާޒު ހަމަ އެ އިންގޮތަށް ބަަލަން އިނެވެ.

"ވަޓް؟..." ހުދާ ދެލޯ އަޅައިލި އެވެ.

"ކޮން ކަމެއް؟... މަށަށް ޔަޤީން އެއީ ހުދާގެ ކަމެއް ކަން..." އައިވަން ދިޔަ ދިމާއަށް އިޝާރާތް ކުރަމުން ފައްޔާޒު ބުންޏެވެ.

"އާނ!... ދެން ކީއްތަ ވީ؟... މަ ސަރ ކައިރީ އެވާހަކަ ދެއްކީ އެންއަށް ރަނގަޅަކަށޭ..." ހުދާ ތެދުވި އެވެ. ކުރި ކަންތަކަށް އެއްބަސް ނުވާކަށް އޭނަ މަސައްކަތެއް ނުކުރެ އެވެ.

ފައްޔާޒު އެއްޗެއް ބުނުމުގެ ކުރިން އޭނަ އުޅުނީ އެތަނުން ނުކުންނާށެވެ. އޭގެ ކުރިން އަޒާން ބުނި އެއްޗެއް އަޑު އިވިފައި، އޭނަގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ.

"ސަރގެ މެއިލްއެއް އައިއްސި... އައިވަން ސަރ ރާއްޖެ ދާން އަންގާފަ އޮތީ..." އަޒާން ކަންބޮޑުވެފައި ބުނެލި އެވެ.

"ވަޓް؟..." ހުދާ ހުއްޓުން އެރި އެވެ.

"އާނ!... އެހާ އަވަހަށް ޓިކެޓުވެސް ހަމަޖައްސާފަ ފޮނުވާފަ މިއޮތީ..." އިސްކުރީނަށް އިޝާރާތް ކުރަމުން އަޒާން ބުންޏެވެ.

"ދެން ކިހިނެއް ހަދާނީ؟..." ފައްޔާޒު ހާސްވި އެވެ.

ހުދާގެ ދެލޯ ފެންކަޅި ވިއެވެ. ކުރެވުނު ކަމަކުން ނަތީޖާ އެ ނުކުތީ އޭނަ ބޭނުންވި ގޮތަކަށް ނޫނެވެ. އޭނަގެ މަޤުސަދަކީ ފަހަރެއްގައިވެސް އައިވަންއަށް ދެރައެއް ދިނުމެއް ނޫނެވެ. އަނަމްއަކީ ކާކު ކަން އެނގުމުން އޭނަ ޖެހިލުން ވީއެވެ. އެ އަންހެން ކުއްޖާ އާއި ހެދި އައިވަންއަށް ގެއްލުމެއް ލިބެން އޭނަ ބޭނުން ނުވީ އެވެ. ހުދާ ފަސްފަހަތަށް ދަމުން ގޮސް، އެ ތަނުން ނުކުތެވެ.

އައިވަން ހުރީ ސިޓިންގްރޫމުގައެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރިއިރު، އަނެއް އަތުން ކަނދުރާގައި އަތް ކާއްތަމުން ދިޔަ އެވެ. ހުދާ ފެނުމުން، ސިޑި އާއި ދިމާއަށް ހިނގައިގެންފި އެވެ.

"އެން!... މަޑުކޮށްބަލަ..." އައިވަންގެ ފަހަތުން ހިނގައިގަންނަމުން ހުދާ ބުންޏެވެ.

ފަސްއެނބުރި ބަލައިލުމެއްނެތި އައިވަން ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށި އެވެ. ފަހަތުން ހުދާ އަންނަކަން އެނގުމުން، އެ ފިޔަވަޅުތައް އަވަސްކޮށްލައިފި އެވެ. އައިވަން ބަންލާފައި ދޮރު ޖެހުމުގެ ކުރިން ހުދާ ގޮސް ދޮރުގައި ހިފެހެއްޓި އެވެ.

"އަހަރެން އެކަން ކުރީ އެންއަށް ރަނގަޅަކަށޭ..." ހުދާ ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ.

"ހުދާއަށް ކިހިނެއް އެނގެނީ އަހަންނަށް ރަނގަޅު ގޮތެއް..." އައިވަން ހިތްހަމަނުޖެހިފައި ބުންޏެވެ.

"އަހަރެން ހިއެއް ނުކުރަމޭ ސަރ އެވަރުގެ ނިންމުމެއް ނިންމަފާނެ ކަމަކަށް... ކީއްކުރަންތަ އަހަރެން އެންއަށް ދެރައެއް ދޭންވީ؟..." ހުދާ ދެރަ ވިއެވެ.

"ހީނުކުރާ ކިތަންމެ ކަމެއް މިދުނިޔޭގަ ހިނގާނެ..." އައިވަން ވާހަކަ ދެއްކީ ފަރުވާކުޑަ ރާގަކަށެވެ.

"އެން ހާސްނުވޭ... އަހަރެން ތިކަން ހަމައަކަށް އަޅުވާނަން..."

ހުދާގެ އަޑުގައިވި ޔަޤީންކަމުން އައިވަންގެ ހިތަށް ފިނިކަމެއް ލިބުނީ ކުޑަ ހިނދުކޮޅަކަށެވެ.

ކޮޓަރީގައި އުޅެފައި އަނަމް ނުކުތީ، ބަނޑުހައި ވެގެންނެވެ. އައިވަންގެ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވިފައިވާ ތަން ފެނި، އެދިމާއަށް އޭނަގެ ނަޒަރު ހުއްޓިއްޖެ އެވެ.

"އެނގޭތަ އަހަރެން އެންމެ ދެރަވަނީ ކީއްވެ ކަން؟..."

އައިވަންގެ އަޑު އިވުމުން، އަނަމްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. އެ އަޑުގައިވި ރިހުުން އޭނައަކަށް ސިއްރެއް ނުވި އެވެ.

"މަންމަގެ މަރަށް އިންސާފު ނުލިބޭތީ... އެނގޭތަ އެދުވަހު ޑޮކްޓަރުން ބުނީ ކީކޭ ކަން... ބުނީ، ބުނީ..." އައިވަންއަށް ވާހަކަ ދައްކަން އުނދަގޫވެގެން ހުއްޓައިލި އެވެ.

ދޮރު ކައިރީގައި ހުއްޓިލި އަނަމްގެ ހިތަށް ތަދުވި އެވެ. ހިތަށް ރަޙުމު ވަނެވެ. ދޮރުން އެތެރެ ބަލައިލުމާއިއެކު އޭނައަށް ފެނުނީ، އިސްޖެހިފައި އިން އައިވަން އެވެ. އެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިތަން ފެނި އޭނައަށް ހިންދިރުވައިލެވިއްޖެ އެވެ.

"ޑޮކްޓަރުން ބުނީ އެ ހަށިގަނޑުގަ ނެތޭ ފުނޑު..ނުވާ އެން..މެ ކަށި..ކޮޅެއް..ވެސް... ކިތަންމެ ކުޑަޔަސް، އެދުވަހު އަހަރެންގެ ބައްޕަ އުޅުނު ގޮތް އެންމެ ރަނގަޅަށް ފެނުނު މީހަކީ އަހަރެން... އެ އިހުސާސްތައް އަހަންނަށް އެނގުނު... އިންސާފު ނުލިބިގެން ފިރިއަކު އެއްތަނުން އަނެއްތަނަށް ރޮއެރޮއެފަ ދިޔަ ހަނދާން އިއްޔެ ވީ ކަމެއްހެން ލޯމަތީން ފެންނަހެން ހީވޭ... ފުލުހުންގެ ކައިރީ ރޮއެފަ ކުރި އާދޭހަށް އެމީހުންވެސް ދިނީ ބީރު ކަންފަތެއް... ކީއްވެ ކަން އެނގޭތަ؟... އަހަރެމެން ނިކަމެތި ވީމަ... އާރެއް ބާރެއް ނެތީމަ... ބައްޕައަކީ ވަކީލަކަށް ވިޔަސް، އެދުވަހު އެއީ ބަލިކަށި، ނިކަމެތި އިންސާނެއްހެން ހީވަނީ... އެދުވަހު އަހަރެންގެ ހިތުން، ވަރުގަދަ އަޒުމެއް ކަނޑައެޅީން... މަންމަގެ މަރަށް އިންސާފު ހޯދާފަ ނޫނީ ހަމަނޭވާއެއް ނުލާން..." އައިވަންގެ އަޑު ކުރެހެމުން ދިޔަ ނަމަވެސް، ވާހަކަ ދެއްކުން ހުއްޓައެއް ނުލި އެވެ.

"އެން!... ސޮރީ... ސޮރީ ވަރަށް ބޮޑަށް... އަހަންނަށް ވިސްނާ ނުލާ ކުރެވުނު ކަމަކުން އެންއަށް ތިހާ ހިތްދަތިކަން ލިބިދާނެ ކަމަށް ހީވެސް ނުކުރަން..." ހުދާއަށް ރޮވުނެވެ.

ހުދާގެ އަޑު އިވުމުން، އަނަމްގެ މޫނުމަތި ބަނަ ވިއެވެ. އައިވަން އޭނާގެ ކޮޓަރިއަށް އަންހެން ކުދިން ވައްދަނީ ކީއްވެ ހެއްޔޭ ހިތަށް އެރި އެވެ. އޭނަ ހީކުރީ އައިވަން އެހާ ގާތްކަމެއް ބަހައްޓަނީ ހަމައެކަނި އޭނައަށް ކަމަށެވެ. އެކަމަކު، ހުދާ އެ ކޮޓަރީގައި ހުރިކަން އެނގުމުން، އައިވަން އާއި ދިމާއަށް ހިތާއި ހިތުން އެތައް އެއްޗެއް ކިޔަން ފެށި އެވެ.

"ހުދާ!... ދެން އެކަމާ ނުވިސްނާ... މާލެ ދާން ޖެހިއްޖެއްޔާ މާލެ ދާނީ... އެކަމަކު، އަހަރެންގެ އަޒުމަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ... ކުރަމުން މިދާ މަސައްކަތެއް ވެސް ނުހުއްޓޭނެ... ނުވެސް ހުއްޓުވޭނެ..." އައިވަން ޔަޤީންކަމާއި އެކުގައި ބުންޏެވެ.

"އެންމެ ކައިރީ ހުންނަ މީހަކަށް އަހަރެން ވާނަން... އަހަރެންގެ ފުރިހަމަ އެއްބާރުލުން ދޭނަން..." ހުދާ ޔަޤީންކަން ދިނެވެ.

އަަނަމް ތުން ދަމައިލި އެވެ. ހުދާ އާއި ދިމާއަށް ހިތުގެ އަޑިން އެއްޗެހި ކިޔަމުން އޭނަ ކުރިއަށްވުރެ ބޮޑަށް ކޮޓަރީގެ އެތެރެ ފެނޭތޯ ގުދުވެލައިފި އެވެ.

"މާލެ ދާން ހަތް ދުވަސް އަދި އެބަ އޮތް... އަހަރެން ދާނީ ކޮންމެވެސް އެއް މިޝަންއެއް ނިންމާލާފަ..." އައިވަން ބުނެލީ ނުރައްކާތެރި ރާގަކަށެވެ.

އަނަމްގެ ދެލޯ ބޮޑު ވިއެވެ. ކުއްލިއަކަށް ތެދުވަން ހަދައިގެން އޭނަގެ ބޯ ދޮރުގައި ޖެހުނެވެ. އަވަސް އަވަހަށް ފާރުގައި ލެނގިލިގޮތަށް އޭނައަށް މޭގައި އަތުން ހިފަހައްޓާލެވިއްޖެ އެވެ. އައިވަން އެދައްކަނީ އޭނަގެ ވާހަކަ ހެއްޔެވެ؟ އަނެއްކާ އައިވަން އެ އުޅެނީ އޭނަ މަރާލަން ހެއްޔެވެ؟ ނޫނީ ރަހީނު ކޮށްގެން ފައިސާތަކެއް ހޯދަން ހެއްޔެވެ؟ ނޫނީ އިއްފަތްތެރިކަން ފޭރިގަންނަން ހެއްޔެވެ؟

"ނޫން..." އަނަމްގެ ހިތް ރޮއެގަތެވެ.

ދޮރުގައި އެއްޗެއް ޖެހުނު އަޑު އިވުމާއިއެކު އައިވަން އާއި ހުދާގެ ނަޒަރު އެދިމާއަށް ހުއްޓިއްޖެ އެވެ. އައިވަން ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތީ، އެތަނަށް އަންނާނީ އަނަމް ކަން އެނގުމުންނެވެ. އައިވަން ފެނުމުން، އަނަމް ޖެހިލުންވެފައި ކޮޓަރި ތެރެއަށް ދެމިގަންނަން އުޅުނެވެ. އޭގެ ކުރިން އައިވަން ގޮސް، ދޮރުގައި އަތް ހުރަސްކޮށްލައިފި އެވެ.

********

"ކީއްވެހޭ؟..." ޝާކިރު ހަޅޭއްލަވައިގަތެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރިއިރު، ހާސްވެގެން އޭނައަށް އެއް ތަނެއްގައި މަޑުން ނުވެސް ހުރެވެ އެވެ.

"ބަލަ ކަލޭމެންނަކަށް ނޭނގޭތަ އެ ސިޓީއުރަ އަކީ ކިހާ މުހިއްމު އެއްޗެއް ކަމެއް؟... ކަމެއް ކުރަން ޙަވާލު ކުރީމަ ކަލޭމެންނަށް ދޭން އެނގުނު ޖަވާބަކީ ތީތަ؟..." ޝާކިރުގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ އެވެ.

"ކޮން ސޮރީއެކޭ ކިޔާކަށް... އިރު އެރުމުގެ ކުރިން އަހަންނާ ހަމައަށް އެ ސިޓީއުރަ ގެނެސްނުދީފިއްޔާ، އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ..." އިންޒާރު ދީފައި ޝާކިރު ފޯނު ކަނޑައިލި އެވެ.

ސޯފާގައި އިން ފާރޫޤު ތެދުވި އެވެ. އޭނަ ގޮސް ޝާކިރުގެ ކޮނޑުގައި މަޑުމަޑުން ޖަހައިލި އެވެ.

"ދެން މާ ބޮޑަށް ނުވިސްނާ... ވިސްނިޔަސް، ކުރެވޭނެ މާ ބޮޑު ކަމެއް މިވަގުތަކު ނެތް..." ފާރޫޤު ބުންޏެވެ. "އެވަރުގެ އެއްޗެއް ކީއްކުރަން އޭނަގެ އަތްމައްޗަށް މުޅީން ދޫކޮށްލީ؟... އޭރުވެސް އަހަރެން ބުނީމެއްނު، މިހެން ވެދާނެއޭ..."

"ފާރޫޤެއްނު ބުނީ، އޭނަ ދާ ތަނެއް ބަލަން އެންމެ ރަނގަޅު ގޮތަކީ އޭނަ އަތަށް އެ ދިނުމޭ..." ޝާކިރުގެ ހަށިގަނޑުގެ ވަރު ދޫވި އެވެ.

"ނުބުނަމެއްނު އެ ހިފައިގެން ދިޔަ ދޭށެކޭ..." ފާރޫޤު ހާސްވެފައި ބުންޏެވެ.

"ދެން ކިހިނެއްތަ ހެދޭނީ؟... އަހަންނަށް ވަކި ކިހިނެއްތަ އެނގޭނީ އެ ރާވިންގެ އެހާ ވަރުގަދަ ސިކުނޑިއެއް އިންނާނެ ކަމެއް.... އެ ހިފައިގެން ހިނގައިދާނެ ކަމަށް ކުޑަކޮށްވެސް ހީނުކުރަން... އަހަރެން ހީކުރީ، އެވަގުތަށް އޭނައަށް މުހިއްމު ވާނީ އަމިއްލަ ފުރާނަ ކަމަށް... ފާރޫޤު!... ފުލުހުންގެ އަތުގަ އެ ސިޓީއުރަ ޖެހިއްޖެއްޔާ އަހަރެންގެ ދުވަސް ދިޔައީ..." ޝާކިރު އޭނާގެ ނިތްކުރިމަތީގައި އަތް ހިންގައިލި އެވެ.

********

ދެލޯ ބޮޑުކޮށްގެން އައިވަންއަށް ބަލަން ހުރެފައި، އަނަމް ކުއްލިއަކަށް އައިވަންގެ ފައިދަށަށް ތިރި ވިއެވެ. އައިވަން ސިހުނެވެ. އޭނަ އަވަހަށް ދުރަށްޖެހިލި އެވެ.

"އަހަރެން މަރާނުލާ..." އަނަމް ފެށީ ރޯށެވެ.

އައިވަން ސުވާލު އުފެދިފައި ހުދާއަށް ބަލައިލި އެވެ. ހުދާގެ މޫނުމަތިންވެސް ފެނުނީ ހައިރާން ކަމެވެ.

"އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން... އެކަމަކު މަރާނުލާ..." އަނަމް ކުރިއަށްވުރެ ބާރަށް ރޯން ފެށި އެވެ.

"ކޮންމެ ކަމެއްވެސް؟..." އައިވަންގެ ސިކުނޑިއަށް އައި މޮޅު ޚިޔާލަކުން އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ.

"އޯކޭ... ހަމަ އެންމެ ކަމެއް ކުރަން ޖެހޭނީ... ވަރަށް ކުޑަކުޑަ ކަމެއް..." އައިވަން ހަމަޖެހިލާފައި ބުންޏެވެ.

އަނަމް ކޮން ކަމެއްތޯ ސުވާލު ކުރުމުން، އޭނަ ނެގީ ފޯނެވެ. ވައިބާ ހުޅުވައިލާފައި ކޮންމެވެސް މީހަކަށް "ވީޑިއޯ ކޯލު" ކުރަން ފެށި އެވެ. އެމީހަކު ފޯނު ނެގުމާއިއެކު، އަނަމްގެ ކޮނޑުގައި އަތް އަޅުވައި ގާތަށް ދަމާލައިފި އެވެ.

އިސްކުރީނުން ފެންނަމުންދިޔައީ، ދެބައި އުމުރުގެ ފިރެހެނެކެވެ. އެމީހާ ހައިރާންވެފައި އެއްޗެއް ނުބުނެ ބަލަން އިނީ އެވެ.

"ސަރ!... މީ ހުދާ އެބުނާ އަންހެން ކުއްޖަކީ... މީ އަޅުގަނޑުގެ ވައިފް... އަނބިމީހާ އާ އެކީ އެއް ގެއެއްގަ އުޅުމަކީ މައްސަލައެއްތޯ؟... އާއިލާއަށް ނޭނގި ކައިވެނި ކުރަން މަޖުބޫރުވާ ޙާލަތްވެސް އަންނާނެ ނޫންތޯ... ބޮޑުވެ ތަސައްރަފު ފުދިފަ ތިބޭ މީހުން އެފަދަ ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މައްސަލައެއްތޯ؟..." އައިވަން ދެއްކި ވާހަކަތަކުން އަނަމް ހުރީ، ގުޑިލަންވެސް ނޭނގިފަ އެވެ. ހުދާވެސް ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓެވެ.

"އަނަމް އެއްޗެއް ބުނެބަލަ..." އަނަމް ޤަބުވެފައި ހުރުމުން، އައިވަން ބުންޏެވެ.

އަނަމް އިރުކޮޅަކު ހުރެފައި ބޯ ޖަހައިލި އެވެ. ފުރާނަ ދިޔުމަށްވުރެ އެގޮތް ރަނގަޅު ކަމުގައި އޭނައަށް ވިސްނުނީ އެވެ.

"ސަރ ބޭނުންފުޅިއްޔާ، ކައިވެނީގެ ސެޓްފިކެޓު..." އައިވަންއަށް ބުނެވުނީ އެހިސާބަށެވެ.

"އެންމެ ރަނގަޅު... ހުދާ ކައިރީ ބުނޭ އަހަންނަށް ގުޅާލާށޭ..." އެމީހަކު ފޯނު ކަނޑާލި އެވެ.

އައިވަން އަވަހަށް އަނަމްގެ ގައިން ދޫކޮށްލި އެވެ. އަނަމް މޫނު ކުނިކޮށްލައިގެން ހުރެފައި ކޮޓަރިއަށް ވަނެވެ.

"ސޮރީ..." ހުދާ ހުރިގޮތުން އައިވަން ބުންޏެވެ. އޭނަ އެހެން ބުނީ، ފޯނުކޯލާއި ގުޅިގެންނެވެ.

ފޯނު ނަގައި ކަންފަތުގައި ޖަހަމުން ހުދާ އެތަނުން ދިޔައީ، އައިވަންއަށް ދެލޯ އަޅައިލާފަ އެވެ. ވަގުތަކީ، ފައްޔާޒް ވަރަށް ބާރަށް ސިޑިން އަރައިގެން އައިސް އައިވަންގެ ކައިރީގައި ހުއްޓުނު ވަގުތެވެ.

"ސަރ!... ވަރަށް މުހިއްމު އެއްޗެއް އަތުގަ ޖެހިއްޖެ... މިޝަން ޓުވެންޓީ ފޯރއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ ވަރުގެ އެއްޗެއް..." މާނޭވާ ލެވޭ ވަރުން ފައްޔާޒަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެ އެވެ.

(ނުނިމޭ)

comment ކޮމެންޓް