ތަޖުރިބާކާރު ޑިފެންޑަރު ބެންޖޯ ވެސް ސަސް އަށް

ބެންޖޯ ޓީސީއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު ކަމަށްވާ އަބްދުﷲ ހަނީފް (ބެންޖޯ) ޓީސީ ސްޕޯޓްސް ކުލަބު ދޫކޮށް ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޓް ސްޕޯޓްސްއާ ގުޅިއްޖެ އެވެ.

މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗު ކަމުގައި 2017 ވަނަ އަހަރުގެ ސީޒަނަށް ޓީސީއާ ގުޅުނު ބެންޖޯ ދެ އަހަރު ވަންދެން އެ ޓީމަށް ކުޅުމަށްފަހު މާޒިޔާއަށް ބަދަލުވީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެހެން ނަމަވެސް އެއް ސީޒަނަށްފަހު ބެންޖޯ އެނބުރި ޓީސީއަށް އައިސްފައިވާ އިރު، އޭނާ ވަނީ އަނެއްކާވެސް ކުލަބު ބަދަލުކޮށްފަ އެވެ.

ކުޅުނު ހުރިހާ ކުލަބުތަކެއްގެ ކޯޗުންގެ އިތުބާރު ހޯދާފައިވާ ބެންޖޯ ވަނީ މީގެ ކުރިން އައިއެފްސީއާއި ވީބީ އައްޑޫ އެފްސީއާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސްއަށްވެސް ކުޅެފައެވެ. އަދި ޓީސީއާއެކު އޭނާ ވަނީ ރާއްޖޭގެ ކުލަބު ލެވެލްގައި މިހާތަނަށް ސަރަހައްދީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރަންވަނަ ހޯދިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބެންޖޯ ވަނީ އެ މުބާރާތުގައި (ޝެއިހް ކަމާލް ކަޕު)ގެ ފައިނަލުގައި ހިތްގައިމު ގޯލެއްވެސް ޖަހައިދީފައެވެ. އަދި މިދިޔަ ސީޒަނުގައި ޓީސީއިން ރާއްޖޭގެ ލީގު ނެގި އިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.

ބެންޖޯގެ އިތުރުން ވެސް ސަސްއިން މިހާތަނަށް ވަނީ ތަޖުރިބާކާރު އިތުރު ދެ ޑިފެންޑަރުން އެކުލަބަށް ގެންގޮސްފަ އެވެ. އެ ދެކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ)އާއި ރާއްޖޭގެައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެޗްޕީއޭ އިން ހުއްދަ ދިނުމާ އެކީ މިހާތަނަށް ޕްރެކްޓިސް ފެށީ މާޒިޔާ އާއި ވެލެންސިއާ އިންނެވެ. ގިނަ ޓީމުތަކުން ޕްރެކްޓިސް ފަށަން ރާވާފައި އޮތީ އަންނަ މަހު ކުރީކޮޅުގަ އެވެ.

comment ކޮމެންޓް