ލަންކާ ޕާލިމެންޓުގެ މުވައްޒަފަކު ޕޮޒިޓިވްވުމުން ޕާލިމެންޓު ބަންދުކޮށްފި

ލަންކާގެ ޕާލިމަންޓްގެ ޖަލްސާއެއްގެ ތެރެއިން--

ކޮލަމްބޯ (އޮކްޓޯބަރު 26): ސްރީލަންކާގެ ޕާލިމެންޓު ކޮމްޕްލެކްސްގައި މަސައްކަތް ކުރަމުން ދިޔަ ފުލުހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން، މިއަދާއި މާދަމާއަށް ޕާލިމެންޓު ބަންދުކޮށްފި އެވެ.

ލަންކާ ޕާލިމެންޓުގެ ސާޖެންޓް އެޓް އާމްސް ނަރެންދުރަ ފާނަންޑޯ ވިދާޅުވި ގޮތުގައި ޕާލިމެންޓު ބަންދު ކުރީ އެ އިމާރާތް ޑިސްއިންފެކްޓު ކުރުމަށްޓަކަ އެވެ.

ފާނަންޑޯ ވިދާޅުވި ގޮތުގައި އެ ފުލުސް އޮފިސަރާ އެއްކޮށް މަސައްކަތް ކުރި މީހުންވެސް މިހާރު ވަނީ ޓެސްޓުކޮށްފަ އެވެ. އަދި އެ މީހުންގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް ބެލެވޭ އިރު ޕާލިމެންޓުގެ އިތުރު 22 މުވައްޒަފަކު މާދަމާ ޓެސްޓު ކުރާނެ އެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ފޮތި ފެކްޓަރީއަކުން މި މަހުގެ ކުރީކޮޅު ފާހަގަ ކުރެވުނު ކޮރޯނާވައިރަސް ކްލަސްޓާއަކާ ގުޅުން ހުރި މީހުންގެ އަދަދު އަދިވެސް ދަނީ އިތުރު ވަމުންނެވެ. އަދި އެގައުމުން މިއަދު 351 ކޭސް ރިޕޯޓުކޮށްފައިވާ އިރު ފޮތި ފެކްޓަރީއާ ގުޅުން ހުރި ކްލަސްޓާގެ އަދަދު ވަނީ މިހާރު 4،400އަށް އަރާފަ އެވެ.

ލަންކާގައި މިހާތަނަށް 7،800އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 16 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް ގައުމުގެ ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގާ، ގައިދުރުކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.

comment ކޮމެންޓް