ދަރަނި ރީ-ސްޓްރަކްޗާ ކުރާނެ ކޮމެޓީއެއް އެކުލަވާލަން ސަރުކާރަށް ލަފާދޭން ފާސްކޮށްފި

މަޖިލީސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ނަގާފައިވާ ލޯނު ފިޔަވައި އެހެން ދަރަނި ރީސްޓްރަކްޗާ ނުވަތަ ރީ ޕްރޮފައިކް ލުރުމަށް ސަރުކާރާއި އެމްއެމްއޭ ގުޅިގެން މަސައްކަތް ކުރަން ފެށުމަށް ލަފާދީ، އެ މަސައްކަތް ކުރުމަސް ދަރަނި ރީސްޓްރަކްޗާ ކުރަނެ ހާއްސަ ކޮމެޓީ އެއް އެކުލަވާލަން ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެެ.

ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާއެކު އެވެ.

އެ ރިޕޯޓުގައި ކޮމެޓީ އިން ވަނީ ދަރަނި މެނޭޖު ކުރުމަށް މަޖިލީހުން ހުށަހަލ'ާ ކަންތައް ބަޔާން ކޮށްފަ އެވެ.

އެގޮތުން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ހާއްސަ ކޮމެޓީ އަށް އެކުލަވާލާ، ރާއްޖެ އާއި ބައިނަލްއަގުވާމީ ކަމާގުޅޭ ގާނޫނީ އަދި މާލީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށް ލަފާ ދިނުމަށް ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން އެ ކޮމެޓީ އާއި ހަވާލު ކުރެވޭ މަސައްކަތް އަށް މަސް ތެރޭ ނިންމައި ކޮމެޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހަށް ހިއްސާ ކުރުމަށާއި އެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާގޮތައި ހޯދުންތައް މަހަކު އެއްފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަކަށް ހަޒިރު ހިއްސާ ކުރަން ޖެހޭގޮތަށް ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން އަންނަ އަހަރު ދައްކަންޖެހޭ އެތެރޭގެ ދަރަނި އޯވާ ހޯލްކޮށް އެދަރަނި ދެއްކުން ފަސްކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދުމަށްވެސް ކޮމެޓީ ރިޕޯޓުގައި ވެއެވެ.

އަދި ދަރަނި ރީ-ސްޓްރަކްޗާ ކުރުމަށް ބޭނުންވާ އިސްލާހުތައް މާލއިްޔަތު ގާނޫނަށާއި ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ގެނައުމަށް ސަރުކާރުގައި އެދުމަށްވެސް އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.

ހަމައެއާއެކު ދައުލަތުން ގެރެންޓީ ދޫކޮށްގެން ނަގާފައިވާ ލޯނުތަކުން ހިންގާ މަޝްރޫއުތަކުގެ ތަފްސީލްތައް ގަވައިދުން ހޯދުމަށާއި ސަރުކާރުގެ ކުންފުނިންތަކުގެ ހަރަދު ކުޑަކޮށް ހިންގައި، ގެއްލުންވާ ކުންފުނިތައް ޕާކުކޮށް ކުންފުނިތައް އުވާލާ، އެހެން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ލަފާދޭން ހިމަނާފައިވާއިރު ދައުލަތުންދޭ ސަބްސިޑީ ދިނުމުގެ އުސޫލުތައް މުރާޖައާކޮށް، އެކަށޭނަ ގޮތުގައި ސަބްސިޑީ ދޭނެ ޕްލޭނެއް ހެދުމަށް ލަފާދޭން އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުގައި ނަމަވެސް، ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުހިއްމު މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު، "ސަނީ ސައިޑް ބޮންޑު" ގެ އިންޓްރެސްޓް ރޭޓަކީ ހަތް ޕަސެންޓް ކަމަށާއި، 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭއިރު، އެ ބޮންޑު ރީ ޕްރޮފައިލް ކުރަންޖެހޭ ކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި ސާވިސް ކުރުމަށް ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނީގެ ސާވިސް ކުރުންވެސް ހިމެނިގެން 2019 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާ ހަރަދުކޮށް، 2020 ވަނަ އަހަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މިވަގުތު ދައުލަތަށް އެންމެ ރިސްކު ބޮޑީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ނުކުޅެދިފައިވާ ގޮތުން، 2019 ވަނަ އަހަރު ދަރަނި ސާވިސް ކުރުމުގެ ހަރަދުގެ 70 ޕަސެންޓް އަދި 2020 ވަނަ އަހަރުގެ ދަރަނި ސާވިސް ކުރުމަށް އަންދާޒާ ކުރެވިފައިވާ އަދަދުގެ 66 ޕަސެންޓަކީ ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނި ސާވިސް ކުރުމުގެ ހަަރަދު ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އާމްދަނީގެ ނިސްބަތުން ދަރަނި ސާވިސްކުރުމުގެ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށާއި މި އަހަރު ދިމާވެފައިވާ މާލީ ދަތިތަކާއެކު، ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީ 49 ޕަސެންޓް ދަށްވާނެކަމަށް ލަފާކުރެވޭތީ، އާމްދަނީގެ ނިސްބަތުން ދަރަނި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ކުރިމަތިވާ، ދަތިކަން ކަމަށާއި ކުރުމުއްދަތުގައި ދައްކަންޖެހޭ ދަރަނީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ފިސްކަލް ޑެފިސިޓްވެސް ކުޑަކުރުމަށާއި ދެމެހެއްޓެނިވި މިންވަރެއްގައި ދަރަނި ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 10 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 172 ބިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް