ދެ ގަޑިއިރަށް ފަހު މާލޭގެ ބޮޑު ސަރަހައްދަކަށް ކަރަންޓް ދީފި

މުޅި މާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑިފައިވީ ނަމަވެސް މިހާރު ގިނަ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މުޅި މާލެއިން މިއަދު ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ ހެނދުނު 08:30 ހާއިރު އެވެ. އެއަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓު އައުމަށްފަހު ވަނީ އަލުން ގޮސްފަ އެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު ހެނދުނު 10:00 ހާއިރު ބުނެފައިވަނީ މާލޭގެ ހުރިހާ ސަރަހައްދަކަށް ބައިގަޑިއިރެއްގެ ތެރޭގައި ކަރަންޓު ލިބޭނެ ކަމަށެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިހާރު ގިނަ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާރު ކަރަންޓު ގުޅައި ނުދެވި ހުރި މަދު ސަރަހައްދުތަކަށް ވެސް ކުޑަ އިރުކޮޅެއްގެ ތެރޭ ކަރަންޓު ފޯރުކޮށްދެވޭޏެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުމަށް މެދުވެރިވެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. ނަމަވެސް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ ބަލަމުން ގެންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް