އަންނަ މަސްތެރޭ ޗައިނާ-ރާއްޖެ ދަތުރުތައް ފެށޭނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓް ކަމަށްވާ ޗައިނާއިން އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ފްލައިޓްތައް ދަތުރުތައް ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ ނެރެފައިވާ ޓޫރިޒަމްގެ އަޕްޑޭޓް ރިޕޯޓްގައި ބުނީ "ޗައިނާ ސަދަން އެއާލައިންސް" އިން ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ އެއާލައިނުން ޗައިނާ-ރާއްޖެ ސީދާ ދަތުރުތައް ފަށާނީ މި އަންނަ މަހުގެ ތެރޭގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެހެން ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ އެކު ރާއްޖެ-ޗައިނާ ދަތުރުތައް ވަނީ ޖެނުއަރީން ފެށިގެން މެދުކަނޑާލާފަ އެވެ. އަދި ޗައިނާ ސަރުކާރަކުން ވެސް އެ ގައުމުގެ މީހުން ގައުމުން ބޭރަށް ދިޔުމަށް އަދި ހުއްދައެއް ނުދެ އެވެ.

ޗައިނާ-ރާއްޖެ ދަތުރުތައް ފަށާނެ ސީދާ ތާރީހެއް އެ ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ.

ޓޫރިޒަމްގެ އަޕްޑޭޓް ރިޕޯޓްގައި ބުނާ ގޮތުގައި އިތުރު އާ އެއާލައިންތަކުން މި މަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރު ފަށާނެ އެވެ. އަލަށް ދަތުރު ފަށާ އެއާލައިންތަކަކީ އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް، ޖަރުމަނުގެ ލުފްތަންސާ، ފްލައި ދުބާއީ، ގަލްފް އެއާ، އިންޑިއާގެ ގޯ އެއާ، ރަޝިއާގެ ނޯޑްވިންޑް އަދި އަޒުރް އެއާ ރަޝިއާ އެވެ.

މީގެ ތެރެއިން ގޯ އެއާގެ ދަތުރުތައް އަންނަ މަހުގެ އެކެއްގައި ފަށާއިރު ލުފްތަންސާ އާއި ނޯޑްވިންޑް އަދި ފްލައި ދުބާއީ އިން މިމަހުގެ 27ގައި ދަތުރު ފަށާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ގަލްފް އެއާ އާއި އަޒުރްގެ ދަތުރު ފަށާނެ ދުވަހެއް އަދި އާންމެއް ނުކުރެ އެވެ. އަދި އޮސްޓްރިއަން އެއާލައިންްގެ ދަތުރުތައް މިމަހުގެ 25 ގައި ފަށާނެ އެވެ.

މިހާރު ވެސް ރާއްޖެއަށް 11 އެއާލައިނަކުން އަންނަނީ ދަތުުރު ކުރަމުންނެވެ. އެއީ އޭރޯފްލޯޓު، އިންޑިގޯ، އެއާ އިންޑިއާ، ސްޕައިސް ޖެޓް، ސްރީލަންކަން، ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، އެމިރޭޓްސް އަދި ޓާކިޝްގެ އިތުރުން އެޑެލްވައިސް އާއި ބްރިޓިޝް އެއާވޭސް ހިމެނެ އެވެ.

ޓޫރިޒަމް މިިނިސްޓްރީއިން ބުނީ އަންނަ މަހުގެ ތެރޭގައި ރާއްޖެ އާއި މުޅި ދުނިޔެއާ ދެމެދު ދަތުރުތައް ބޭއްވޭނެ ކަަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 27،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އާ އެއާލައިން ތަކުން ރާއްޖެއަށް ދަތުރު ފަށާއިރު މިއަހަރު ޖުމްލަ އެއް ލައްކަ ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

comment ކޮމެންޓް