އުފާވެރި ޚަބަރެއް، ސަންޖޭ ދަތު ކެންސަރުން ރަނގަޅުވެއްޖެ

ސަންޖޭ ދަތުގެ އާއިލާ: އޭނާ ކެންސަރު ބަލިން ރަނގަޅުވިކަން ހާމަކުރީ އޭނާގެ އެއްމާބަނޑު ދެކުދިންގެ އުފަންދުވަހު---

ފުއްޕާމޭ ކެންސަރު ޖެހުނުކަން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި އެކްޓަރު ސަންޖޭ ދަތު، 61، ކެންސަރު ބަލިން މުޅިން ރަނގަޅުވެއްޖެ އެވެ.

ކާމިޔާބު އެކްޓަރު ސަންޖޭގެ އެއްމާބަނޑު ދެކުދިންގެ އުފަންދުވަހާ ގުޅިގެން އޭނާ ކުރި ޓުވީޓެއްގައި ބުނީ ދަރިންގެ އުފަންދުވަހު ކެންސަރު ބަލިން ރަނގަޅުވިކަން އާންމުންނަށް ހިއްސާކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދަރިންގެ އުފަން ދުވަހު ދެވޭނެ މިއަށް ވުރެ ރަނގަޅު ހަދިޔާއެއް ނޯންނާނެ ކަމެވެ.

އޭނާ ބުނީ ފާއިތުވެ ދިޔަ ދެމަހެއްހާ ދުވަހަކީ އޭނާ އަށާއި އާއިލާއަށް ވަރަށް ދަތި ދުވަސްކޮޅެއް ކަމަށްވީ ނަމަވެސް އެހާ އަވަހަށް ކެންސަރުން ސަލާމަތްވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ރަހުމަތްތެރިންނާއި ފޭނުންގެ ހިތްވަރާއި ހެޔޮދުއާ ކަމަށެވެ.

ފުއްޕާމޭ ކެންސަރުޖެހި ސްޓޭޖް ހަތަރެއްގައި ސަންޖޭ އޭރު ހުރިއިރު އޭނާގެ ބަލިހާލަތު އޭރު ވަރަށް ސީރިއަސްއެވެ. އެޑްމިޓްކޮށް ފަރުވާދީ ކީމޯތެރަޕީ ހަދަމުން ވެސް އޭނާ ވަނީ ފިލްމީ މަސައްކަތް ކޮށްފަ އެވެ. ފިލްމުތަކުގެ ޝޫޓިންކުރިއަށް ގެންގޮއްސަ އެވެ.

ސަންޖޭ ކެންސަރުން ރަނގަޅުވި އިރު އޭނާ ވަނީ އޭނާއަށް ފަރުވާދިން ކޮކީލާބެން ހޮސްޕިޓަލްގެ ޑަކްޓަރުންނަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ޚާއްސަކޮށް ޑރ. ސެވަންތީ އާއި އޭނާގެ ޓީމުގެ ހިދުމަތްތަކަށް ސަންޖޭ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އޭނާ އަށް ފުއްޕާމޭ ކެންސަރުޖެހުނުކަން އެނގުނީ ނޭވާލުމަށް ދަތިތަކެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހެދި ޓެސްޓުތަކުންނެވެ. ކެންސަރު ޖެހުނުކަން އެނގުމާއެކު އޭނާ ބޭނުންވީ ފަރުވާ ހޯދުމަށް އެމެރިކާއަށް ދިޔުމަށެވެ. ނަމަވެސް ފަހުން ޚިޔާލު ބަދަލުކޮށް މުމްބާއީގައި ހުރެ އޭނާ ކީމޯތެރަޕީ ހަދަން ފެށި އެވެ.

comment ކޮމެންޓް