ޗައިނާގެ ވެކްސިނެއް ބްރެޒިލްގެ މީހުންނަށް ދެނީ

ބްރެޒިލް އިން ދަނީ އެގައުމުގެ އިމިއުނައިޒޭޝަން ޕްރޮގްރާމްގައި ޗައިނާގެ ސައިނޯވެކްގެ ވެކްސިން ބޭނުން ކުރަން ތައްޔާރު ވަމުން -- ފޮޓޯ: ރޮއިޓާސް

ސައޮ ޕައުލޯ (އޮކްޓޯބަރު 21): ބްރެޒިލްގެ ރައްޔިތުން ކޮރޯނާވައިރަހުން ރައްކާތެރި ކުރުމަށް ވެކްސިން ޖަހާ އިރު އެގައުމުން ބޭނުން ކުރާނެ އެއް ވެކްސަނިކަކީ ޗައިނާގެ ސައިނޯވެކްގެ އުފެއްދުމެއް ކަމަށް ބްރެޒިލްގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ބްރެޒިލްގެ ސައޮ ޕައުލޯގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް ވެކްސިން ދިނުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުން އެކަށީގެންވެ އެވެ. އަދި މިހާރު ބްރެޒިލްގެ ސަރުކާރުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރިން، ސައިނޯވެކްގެ ވެކްސިންގެ 60 މިލިއަން ޑޯޒް ގަތުމަށް އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފަ އެވެ.

ބްރެޒިލްގެ ދައުލަތުގެ ރިސާޗް ސެންޓަރުން މިހާރު ދަނީ ސައިނޯވެކްގެ ވެކްސިން އެގައުމުގައި ޓެސްޓު ކުރަމުންނެވެ. އަދި 9،000 މީހުން ހިމަނައިގެން ކުރިއަށްގެންދިޔަ ޓެސްޓުތަކަކުން އެއީ ރައްކާތެރި ވެކްސިނެއްކަން އެނގިފައިވާ ކަމަށް އެ ރިސާޗް ސެންޓަރުން ބުންޏެވެ. ނަމަވެސް ވެކްސިންގެ ޓެސްޓުތައް އަދިވެސް ކުރިއަށްގެންދާކަން ފާހަގަކޮށް، އެ ވެކްސިން މަސައްކަތް ކުރާ މިންވަރު އެނގިގެން ދާނީ އެންމެ ފަހު ޓެސްޓުތައް ނިމުމުން ކަމަށް ބުނެފަ އެވެ.

ބްރެޒިލް އިން އެގައުމުގެ ރައްޔިތުންނަށް ދޭނެ ކަމަށް ބުނެފައިވާ ދެވަނަ ވެކްސިން އަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފައްދާ ވެކްސިންއެކެވެ. އެ ވެކްސިންގެ ޓެސްޓުތައް އެކި ގައުމުތަކުގައި އެތައް ހާސް މީހުން ބައިވެރިކޮށްގެން މިހާރު ކުރިއަށްގެންދާ އިރު، އެ ޓެސްޓުތަކުގެ ފުރަތަމަ ނަތީޖާތައް ރަނގަޅު ކަމަށް އަސްޓްރާޒެނެކާއިން ބުންޏެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ތިން ވަނަ ގައުމުގެ ގޮތުގައި މިހާރު އޮތް ބްރެޒިލްއިން މިހާތަނަށް 5.2 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 155،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް