ހާޝުގްޖީ މަރާލަން އެންގެވީ ސައުދީ ވަލީއަހުދު ކަމަށް ބުނެ، މައްސަލަ ކޯޓަށް ހުށަހަޅައިފި

ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލީ ވަލީއަހުދުގެ އަމުރަށް ކަމަށް ބުނެ އޭނާގެ ލޯބިވެރިޔާ ވަނީ އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮކްޓޯބަރު 21): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލީ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް ކަމަށް ބުނެ އެ މައްސަލަ އެމެރިކާގެ ކޯޓަކަށް ހުށަހަޅައިފި އެވެ.

ހާޝުގްޖީގެ މަރުގެ މައްސަލަ ވޮޝިންޓަން ޑީސީގެ ޑިސްޓްރިކްޓު ކޯޓަކަށް ހުށަހެޅީ އޭނާ އުފެއްދި ޑިމޮކްރަސީ ފޯ ދަ އަރަބް ވޯލްޑް ނައު (ޑޯން) ޖަމްއިއްޔާއިންނާއި އޭނާގެ ލޯބިވެރިޔާ ހަދީޖާ ޖެންގިޒް ގުޅިގެންނެވެ.

ސައުދީ ވަލީއަހުދުގެ އިތުރުން އެގައުމުގެ އިތުރު އޮފިޝަލުންތަކަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލާގައިވާ ގޮތުން ހާޝުގްޖީ މަރާލުމުގެ ރޭވުންތައް ފެށީ 2018 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ އޭނާ ޖެންގިޒް އާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދަން އެމެރިކާގައި ހުންނަ ސައުދީ އެމްބަސީއަށް ދިޔުމުންނެވެ. އަދި އެ އެމްބަސީން އެންގީ އެ ލިޔެކިޔުންތައް ހޯދުމަށް ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔުމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައިވާ ގޮތުން ހާޝުގްޖީ މަރާލަން ވަލީއަހުދާއި އޭނާއާ ގުޅުން ހުރި އޮފިޝަލުން ނިންމެވީ އަރަބި ގައުމުތަކުގައި ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަސައްކަތް ހާޝުގްޖީ ކުރަމުން ދިޔުމުންނެވެ. އަދި އޭނާ މަރަން އަމުރު ކުރެއްވީ ވަލީއަހުދު ކަމަށާއި އޭގެ މަގުސަދަކީ ހާޝުގްޖީގެ އިސްލާހީ މަސައްކަތްތައް ހުއްޓުވުން ކަމަށް ކޯޓަށް ފޮނުވި ލިޔެކިޔުންތަކުގައިވެ އެވެ.

އެމެރިކާގައި ދިރިއުޅެމުން ދިޔަ ހާޝުގްޖީއަކީ ސައުދީ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ލިޔުންތެރިއެކެވެ. އޭނާ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ 2 އޮކްޓޯބަރު 2018އިގަ އެވެ. އޭގެ ފަހުން އޭނާ އެ ކޮންސިއުލޭޓުން ނުނިކުތުމުން، ހާޝުގްޖީ މަރާލާފައިވާ ކަމަށް ތުރުކީން ތުހުމަތު ކުރި އެވެ. ނަމަވެސް ސައުދީން އޭރު އެ ތުހުމަތު ދޮގު ކުރި އެވެ. އަދި ހާޝުގްޖީ މަރުވެފައިވާ ކަމަށް ސައުދީން އެއްބަސްވީ އޭނާ ނުފެންނަތާ 18 ދުވަސް ފަހުންނެވެ. އެގައުމުން ބުނި ގޮތުގައި ހާޝުގްޖީ މަރުވީ ކޮންސިއުލޭޓު ތެރޭ ކުރިއަށްދިޔަ މަޝްވަރާއެއް "ހޫނުވެ"، ހަމަނުޖެހުމަކަށް ބަދަލުވުމުގެ ސަބަބުންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތުރުކީގެ ޖާސޫސީ އިދާރާތަކުން ވަނީ ހާޝުގްޖީ މަރާލީ ދުރާލާ ރާވައިގެން ކަމަށް ބުނެފަ އެވެ. އަދި ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ނިންމާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކުރި އެވެ.

ނަމަވެސް ސައުދީން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އަދި ވަލީއަހުދު ވަނީ ހާޝުގްޖީގެ މަރުގައި ބައިވެރި ނުވި ނަމަވެސް، އެހާދިސާ ހިނގީ އޭނާ ގައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް ކަމުން އެ މަރުގެ ޒިންމާ ނަންގަވަން ޖެހޭނީ އޭނާ ކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހާޝުގްޖީގެ ހަށިގަނޑު އަދިވެސް ފެނިފައި ނުވެ އެވެ. އޭނާގެ ހަށިގަނޑު އެސިޑަށް އަޅައިގެން ނައްތާލާފައިވާ ކަމަށް ތުރުކީގެ އޮފިޝަލަކު ވިދާޅުވި އިރު އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން ހާޝުގްޖީގެ ހަށިގަނޑު ނައްތާލީ އަވަނަކަށްލާ އަންދާލައިގެންނެވެ.

comment ކޮމެންޓް