ވެންޓިލޭޓަރުތަކާ ގުޅިގެން ދައުވާނުކުރި މައްސަލަ ބަލަން ޖުޑީޝަރީ ކޮމިޓީގައި ނަޝީދު އެދިވަޑައިގެންފި

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ބޭރުން ގެނައި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނާ ގުޅިގެން ދައުވާ ނުކުރެވޭ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ހިންގި ތަހުގީގު ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ފޮނުވުމުން، އެ އޮފީހުން ވަނީ އެ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރަން ނިންމާފައެވެ.

"އޭސީސީއާ ފުލުހުން ގުޅިގެން ފުލުހުން ހިންގި ތަހުގީގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ކުރެވޭ ވަރަކަށް ހެއްކާ ގަރީނާ ނެތް ކަމަށް އެބޭފުޅާ [ޕީޖީ ހުސައިން ޝަމީމް] އެބަ ވިދާޅުވޭ. މި ހިލާފު އުފެދިފައިވާތީވެ، އަޅުގަނޑު އެދެން މަޖިލިހުންގެ ޖުޑީޝަރީ ކޮމިޓީން މި މައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް،" މަޖިލީހުގެ މިއަދުުގެ ޖަލްސާ ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލައިގައި

ރައީސް ނަޝިދު ވިދާޅުވީ، ވެންޓިލޭޓަރުތައްކުގެ ކޮރަޕްޝަންގައި ބައިވެރިވި މީހުން ހޯދި، އެމީހުނަށް ހައްގު އަދަބުދީ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދެންދެން ފާރަވެރިވެ އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށެވެ.

"އެއީ ގާނޫނު އަސާސީ މި މަޖިލީހާ ހަވާލުކޮށްފައިވާ ފުޅާ މަސައްކަތް [ފާރަވެރިވެ، ޒިންމާދާރުކުރުން]. އަދި މަޖިލިސް ގަވައިދުވެސް ބަޔާން ކުރާ ފުޅާ މަސައްކަތް. އަދި ތިޔަ އިއްޒަތްތެރި މެމްބަރުން އިންތިހާބުވަޑައިގަތުމަށް ރައްޔިތުންގެ ގާތުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަތަކުގެ އަސާސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން މިދިޔަ ހަފްތާ ބުދަ ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕޮރޮސެކިއުޓާ ގެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފައެވެ. އެހެން ނަމެވެސް އިއްޔެ ޕީޖީން ވަނީ އެ މައްސަލައިގައި ޖިނާއީ މިންގަނޑުން ދައުވާ ކުރެެވެން ނެތް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފަ އެވެ.

https://sun.mv/144491

ދައުވާ ނުކުރަން ޕީޖީން ނިންމި ނަމަވެސް، އެ މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނެ ކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތުން ކުރި ހަރަދުތައް އޮޑިޓްކޮށް އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓްގައިވާ ގޮތުގައި މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަސައްކަތް ހަވާލު ކުރުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުރުމެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅުގެން އެމްޑީޕީގެ 24 މެމްބަރަކު ސޮއިކޮށް އަމީން މަގާމުން ވަކިކުރުމަށް އިއްޔެ މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އޭނާ ވަނީ ރޭގެ ވަގުތުގައި، އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.

comment ކޮމެންޓް