ބާސާ ފަސޭހަކަމާ އެކު މޮޅުވި އިރު ޒުވާން ތަރިން ވިދާލައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ފެރެންސްވަރޯސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ބާސެލޯނާއިން ކާމިޔާބު ކުރީ 1-5 ގެ ތަފާތަކުން --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ރޭ ބާސެލޯނާއާއި ފެރެންސްވަރޯސް ބައްދަލު ކުރި މެޗުން ފަސޭހަކަމާ އެކު ބާސާ ކުރި ހޯދި އިރު އެ ޓީމުގެ 17 އަހަރުގެ ދެ ކުޅުންތެރިން ކަމަށްވާ އަންސޫ ފާޓީއާއި ޕެޑްރީ ވިދާލައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ހަންގޭރީގެ ފެރެންސްވަރޯސް އަތުން އެ ޓީމު ކުރި ހޯދީ 1-5ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބާސެލޯނާ ގުރޫޕް ތާވަލުގެ އެއްވަނައަށް ޖެހިލި އިރު ގްރޫޕް ޖީގައި ދެން އޮތް ޔުވެންޓަސްއާއި ޑައިނަމޯ ކިއެވް ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ ޔުވެންޓަސްއިންނެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ބޮޑު ބައްޔަކުން މިދިޔަ ސީޒަނުގައި ބަޔާން މިއުނިކް އަތުން ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހުނު ބާސެލޯނާ މި ސީޒަނާ ކުރިމަތިލީ މުޅިން ތަފާތު ޓީމަކާ އެކު އެވެ. ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް މުޅި ޓީމް ބަރޯސާ ކުރަމުންދާ އިރު ޓީމުގެ ކޯޗު ވެސް ވަނީ ބަދަލުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ފެރެންސްވަރޯސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ބާސެލޯނާއިން ކާމިޔާބު ކުރީ 1-5 ގެ ތަފާތަކުން --- ފޮޓޯ//ލައިވްސްކޯ

އެގޮތުން ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ އުންމީދީ ކުޅުމެއް ދައްކައިފަ އެވެ. މެޗު ފަށައިގެން ވެސް ހަމަލާތައް ގިނަ ކުރަމުން ދިޔަ ބާސެލޯނާ ފުރަތަމަ ފަހަރަށް ލީޑު ނެގީ ކެޕްޓަން ލިއޮނެލް މެސީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މެސީ އޭނަގެ 116 ވަނަ ޗެމްޕިއަންސް ލީގު ގޯލު އެ ޕެނަލްޓީން ވައްދާލި އިރު އޭނާއަށް ވަނީ ތިން ރެކޯޑެއް ވެސް ގާއިމު ކުރެވިފަ އެވެ. އެއީ ވިދިވިދިގެން 16 ޗެމްޕިއަންސް ލީގުގައި ގޯލު ޖެހުމުގެ ރެކޯޑާއި، 36 ޓީމާ ދެކޮޅަށް އެ މުބާރާތުގައި ގޯލު ޖެހުމުގެ އިތުރުން ކެޕްޓަން ބޭންޑް އަޅައިގެން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑެވެ.

ބާސެލޯނާއަށް ފުރަތަމަ ހާފު ނިމެން ދަނިކޮށް ލީޑު ފުޅާ ކޮށްދިނީ ޒުވާން ފޯވާޑް އަންސޫ ފާޓީ އެވެ. މިއީ 17 އަހަރުގެ ފާޓީ ބާސެލޯނާއަށް މި މުބާރާތުގައި ޖަހައިދިން ދެވަނަ ގޯލެވެ. ފުރަތަމަ ގޯލަކީ 16 އަހަރުގައި އޭނާ ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ބާސެލޯނާއިން ވަނީ ރަނގަޅަށް ކުޅެ ގިނަ އެޓޭކްތަކެއް އުފައްދައިފަ އެވެ. އެގޮތުން އެ ޓީމުން ވަނީ 52 ވަނަ މިނަޓުގައި ތިން ގޯލަށް ލީޑު ފުޅާ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނަކަށް ކުޅުމަށް ފަހު އެނބުރި އައި ފިލިޕޭ ކުޓީނިއޯ އެވެ.

ބާސެލޯނާއިން ބޮޑު ލީޑަކާ އެކު ހަމަޖެހިލައިގެން ކުޅެމުން ދަނިކޮށް މައްސަލަތައް ކުރިމަތިވީ 68 ވަނަ މިނެޓުގައި އެ ޓީމުގެ ޖެރާޑް ޕީކޭ އަށް ރަތްކާޑެއް ދެއްކުމުން އެކަކު މަދުވުމުންނެވެ. އިދިކޮޅު ޓީމުގެ ސްޓްރައިކަރު އެންގުއެންއަށް ކުރި ފައުލަކާ ގުޅިގެން ޕީކޭއަށް ރަތް ކާޑު ދެއްކި އިރު ފެރެންސްވަރޯސް އަށް ލިބުނު ޕެނަލްޓީ ވަނީ އެ ޓީމުން ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާއިން ރައްދުގައި އިހުނަށްވުރެން ކުޅުން ރަނގަޅުކޮށް މެޗު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ވަނީ ޖަހައިފަ އެވެ. މި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި އުސްމާން ޑެމްބޭލޭއާއި ޒުވާން ފޯވާޑް ޕެޑްރީ އެވެ.

ކިއޭވް އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ދެ ގޯލް ވެސް ޖަހައިދިނީ ކޮވިޑުގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރޭ ފޯވާޑަކަށް ކުޅުނު އަލްވާރޯ މޮރާޓާ އެވެ. ކިއޭވްގެ ކޯޗު މިރްސޭ ލުކެސްކޫ އަކީ ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ 1995 ވަނަ އަހަރު ބްރެޝިއާ އިން ސީނިއާ ކެރިއަރު ފެށިއިރު އޭނާގެ ކޯޗެވެ.

comment ކޮމެންޓް