ނޫސްވެރިޔާ ކިމް ވޯލްގެ މަރު: ޖަލުން ފިލި މެޑްސެން ހައްޔަރުކޮށްފި

ޕީޓާ މެޑްސެން ޖަލުން ފިލިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން އޭނާ ހޯދި -- ފޮޓޯ: ރޮއިޓާސް

ކޯޕެންހޭގަން (އޮކްޓޯބަރު 20): ދެހާސް ސަތާރަ ވަނަ އަހަރު ސްވިޑެންގެ ނޫސްވެރިޔާ ކިމް ވޯލް މަރާލި މައްސަލައިގައި ޑެންމާކްއިން ޖަލަށްލާފައިވާ ޕީޓާ މެޑްސެން އިއްޔެ ޖަލުން ފިލި ފަހުން މާ ގިނަ އިރުތަކެއް ނުވެ އޭނާ ހޯދާ، ހައްޔަރުކޮށްފި އެވެ.

ޑެންމާކުގެ ފުލުހުން ބުނި ގޮތުގައި މެޑްސެން ޖަލުން ފިލީ ބަޑިއެއް ކަމަށް ބެލެވޭ އެއްޗަކާއި ބޮން ހަރުކޮށްފައިވާ ކަމަށް ބެލެވޭ ބެލްޓެއް ބޭނުންކޮށްގެން ޖަލުގެ މުވައްޒަފަކު ރަހީނު ކުރުމަށް ފަހުގަ އެވެ. ނަމަވެސް ކޯޕަންހޭގަން ކައިރީ ހުންނަ އެ ޖަލުން ފިލައިގެން އެއް ކިލޯމީޓަރަށް ވެސް ނުދެވެނީސް ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޑެންމާކްގެ ފުލުހުންގެ ވެރިޔާ މޮގެންސް ލޯރިޑްސެން ވިދާޅުވި ގޮތުގައި މެޑްސެން ޖަލުން ފިލުމަށް އެހެން މީހެއްގެ އެހީ ހޯދި ކަމަށް ނުބެލެވެ އެވެ. އަދި އޭނާ އަޅައިގެން ހުރި ބެލްޓުގައި ހަރުކޮށްފައި ހުރީ ގޮވާތަކެތި ކަމަށް މިހާރު ގަބޫލު ނުކުރެވޭ ކަމަށާއި އެ ހާދިސާގައި ޖަލުގެ އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިޔާ ކިމް ވޯލް 10 އޮގަސްޓު 2017ގައި ގެއްލުނީ ޑެންމާކްގެ އިންޖިނިއަރެއް ކަމަށްވާ މެޑްސެންގެ ސަބްމެރިންއަކަށް އޭނާއާ އެކު އެރި ފަހުންނެވެ. އޭގެ ފަހުން ސަބްމެރިން ކަނޑު ފައްތާފައި އޮއްވާ ފެނުމުން މެޑްސެން ހައްޔަރު ކުރި އެވެ. އަދި ސަބްމެރިން ފެނުނު ސަރަހައްދުން 21 އޮގަސްޓާއި 29 ނޮވެމްބަރާ ދެމެދު ވޯލްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވެ އެވެ.

އެމައްސަލައިގެ ޝަރީއަތުގައި މެޑްސެންގެ މައްޗަށް ވޯލް މެރުމާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ ސާބިތުވި އެވެ. އަދި 25 އޭޕްރިލް 2018ގައި އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

comment ކޮމެންޓް