އަލީ ރަމީޒްގެ ލަވަ ބޭނުން ނުކުރުމަށް އެދިއްޖެ

ސަން ޓީވީގެ އިލްމީ ހަޒާނާ ޕޮރޮގުރާމްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވަތަކާއި މިއުޒިކް، ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާގައި ބޭނުން ނުކުރުމަށާއި އޭނާ މިއުޒިކީ ހަޔާތުގެ ފޮޓޯޓަކާއި ވީޑިއޯތައް ބޭނުން ނުކުރުމަށް އޭނާ އެދިއްޖެއެވެ.

އަލީ ރަމީޒު ލަވަކިޔުން ހުއްޓާލިތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ދިވެހީންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު ލަވަކިޔުންތެރީންގެ ގޮތުގައި އަލީ ރަމީޒް ހިމެނޭ ކަމަށް އެއްވެސް ޝައްކެއް ނެތެވެ. އެކަމު އެއީ އޭނާ ބޭނުންވާ ގޮތެެއް ނޫނެވެ.

އަލީ ރަމީޒް މިއަދު ޕޯސްޓްކުރި ސްޓޭޓަސް އެއްގައި ބުނެފައިވަނީ މިއުޒިކާއި ލަވަކިޔުމުން ދުރުވީ އެއީ ދީނުގައި މަނާކޮށްފައިވާ ކަމަކަށް ވުމުން ކަމަށެވެ.

"މިފަދަ ނުބައިކަން ބޮޑުވެގެންވާ ފާފައަކާ [މިއުޒިކު] އާ ދުރުކޮށްދެއްވީތީ ތާއަބަދު ﷲ އަށް ހަމްދު ކުރަމެވެ،" އަލީ ރަމީޒު ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިއަދު އޭނާއަކީ މާތް ﷲ އަށްޓަކައި މިއުޒިކަށް އިންތިހާއަށް ނަފްރަތު ކުރާ މީހެއް ކަމަށެވެ. އަދި އެގޮތުގައި، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އަނބިދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ގަދައަޅާ މަސައްކަތްކުރާ މީހެއް ކަމުގައިވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

"އެހެންކަމުން އަޅުގަނޑު ކިޔާފައިވާ ލަވަތައް ޖެހުމާއި ޓީވީ އަދި ރޭޑިއޯތަކުން ފޮނުވުމާއި އޭގެން ވިޔަފާރި ކުރުމާއި ސޯޝަލް މީޑިއާގެ އިތުރުން އެހެން އެއްވެސް ވަސީލަތެއްގައި އަޅުގަނޑުގެ ލަވަތައް ފެތުރުމާއި އަޅުގަނޑުގެ މިއުޒިކުގެ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމާއި ދީނުގައި މަނާކުރައްވާފައިވާ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫނެވެ،" އަލީ ރަމީޒް އިތުރަށް ބުންޏެވެ.

އެގޮތަށް އޭނާގެ ކުރީގެ ހަޔާތުގެ ކަންތައްތައް ބޭނުން ކުރުމަކީ އޭނާއަށް ކުރެވޭ އަނިޔާއެއް ކަމަށްވެސް އަލީ ރަމީޒު ފާހަގަކުރިއެވެ.

"ޖާހިލުކަމާއި ނޭނގުމުގެ ތެރޭގައި މާޒީގައި ހިންގާފައިވާ މިބާވަތުގެ ކަންކަން ފެތުރުމުގައި ތިމާމެންގެ ނުބައިކަމުގެ ފަތް ބުރަކުރުމުގެ ބަދަލުގައި ޣާފިލުކަމުގެ ނިދިން ހޭލައި މިއުޒިކް ކުޅުމާއި މިއުޒިކް އަޑުއެހުން ފަދަ ކަންތައްތަކުން ދުރުވެ، ﷲގެ މަގަށް ރުޖޫއަވެ، ނުބައިކަމުގެ މަގުތައް ބަންދުކޮށް އަޅުގަނޑަށް އެހީތެރިވެ ދެއްވުމަކީ އަޅުގަނޑު މިއަދު ކުރާ ވަސިއްޔަތެއް،" އަލީ ރަމީރު ބުންޏެވެ.

comment ކޮމެންޓް