ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 20 ވަނަ ދުވަސް ބައިނަލްއަގުވާމީ ޝެފުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އިރު، ޝެފުންގެ ބައިނަލްއަގުވާމީ ޖަމިއްޔާ ވޯލްޑް އެސޯސިއޭޝަން ފޯ ޝެފް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން އެ ދުވަސް ފާހަގަކުރަނީ ޝެފުން ކުރާ މަސައްކަތާއި އެ މަސައްކަތާ ގުޅުންހުރި ހުނަރުތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދީ، އެކަންކަން ދަސްކޮށްދިނުން ފަދަ ހަރަކާތްތަކާއެކު އެވެ.
"ޝެފުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޝެފުންނަށް އަރިސްކޮށް، ތިޔަ ހުރިހާ ޝެފުންނަށް ކާމިޔާބާއި ކަލިނަރީ ދާއިރާއިން ފާގަތިކަމަށް އެދެން. ފަޚުރުވެރިކަމާއެކު ޝެފްސް ޔުނިފޯމް ތުރުކުރައްވައިގެން އެހެން މީހުން އިންސްޕަޔާކޮށް، ހިތްވަރު ދެއްވާ،" ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން (މަރީ) ވިދާޅުވި އެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ޝެފުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ކުޑަކުދިންނާއެކު ކެއްކުމުގެ ހަރަކާތްތައް ބޭއްވި ނަމަވެސް، ކޮވިޑް19 އާ ގުޅިގެން މި އަހަރުގެ މި ހަރަކާތް ކުރިއަށްދާނީ ވެބިނާއެއްގެ ގޮތުގަ އެވެ. ސީޖީއެމްއިން ބުނީ މި ވެބިނާގައި ސިއްހަތަށް ފައިދާހުރި ކާނާއާ ބެހޭ މައުލޫމާތު ދީ، ކުދިންގެ ކްރިއޭޓިވިޓީ ބޭނުންކޮށްގެން ހެލްތީ ރެސިޕީސް އުފެއްދުން ކުރިއަށްދާނެ ކަމަށެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަސް ޝެފުން މި ވެބިނާގައި ބައިވެރިވާނެ އެވެ.
މީގެ އިތުރުން ޝެފުންގެ ދުވަހުގެ މުނާސަބަތުގައި، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ބައެއް ނަން މަޝްހޫރު ޝެފުންގެ ފަރާތުން ރެސިޕީ ޑެމޮންސްޓްރޭޝަން ވީޑިއޯތަކެއްވެސް އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓުކުރާނެކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނެ އެވެ.
މި އަހަރުގެ ޝެފުންގެ ދުވަހުގެ ހަރަކާތްތައް ބިނާވަނީ ދެމެހެއްޓެނިވިކަމާއި ތިމާވެއްޓަށެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި މި އަމާޒު ހާސިލުކުރުމަށްޓަކައި ކާބޯތަކެތި އުފެއްދުމާއި ބޭނުންކުރުމުގެ އިތުރުން އެކަމުގެ ސަބަބުން ވަށައިގެންވާ މާހައުލަށް ކުރާ އަސަރުތައް ކުޑަކުދިންނަށް ކިޔައިދިނުމަކީ މުހިންމު ކަމެކެވެ.