ޝިއޯމީ އިން 19 މިނެޓުން ޗާޖުކުރެވޭ ސްމާޓްފޯނެއް

ޝިއޯމީއިން އަލަށް ތައާރަފުކޮށްފައިވާ ސްމާޓްފޯނު އަންނަ އަހަރުގެ ތެރޭގައި މާކެޓަށް ނެރުމަށް ދަނީ ތައްޔާރުވަމުން

ޗައިނާގެ ސްމާޓްފޯނު ކުންފުންޏެއް ކަމަށްވާ ޝިއޯމީ އިން އަވަހަށް ޗާޖުކުރެވޭ ފޯނުތަކުގެ ޓެކްނޮލޮޖީ އިތުރަށް ކުރިއަށް ޖައްސާލުމުގެ ގޮތުން 19 މިނެޓުގެ ތެރޭގައި އެއްކޮށް ޗާޖުކުރެވޭ ސްމާޓްފޯނެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ޝިއޯމީ އިން ވަނީ މިހާރު ވެސް އަވަހަށް ޗާޖުވާ ފޯނުތަކެއް އުފައްދައިފަ އެވެ. އެގޮތުން 50 ވޯޓުގެ ފާސްޓްކޮށް ޗާޖުކުރެވޭ ފޯނު ވަނީ އެކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ. އެ ޓެކްނޮލޮޖީއާ އެކު 4،000 މިލިއެމްޕިއާގެ ބެޓެރި ހުންނަ ފޯނުތައް އެއްކޮށް ގާތްގަނޑަކަށް 40 މިނެޓުގެ ތެރޭގައި ޗާޖުކޮށްލެވެ އެވެ.

ޝިއޯމީއިން ވަނީ މިހާރު 80 ވޯޓުގެ ޗާޖުކުރެވޭ ފޯނެއް އުފައްދައިފަ އެވެ. އެ ފޯނަކީ 4،000 މިލިއެމްޕިއާގެ ބެެޓެރިއެއް ހިމެނޭ ފޯނެކެވެ. ގާތްގަނޑަކަށް އެންމެ އަށް މިނެޓުގެ ތެރޭގައި ފޯނުގެ ޗާޖު 50 ޕަސެންޓަށް އަރަ އެވެ. އަދި އެންމެ 19 މިނެޓުގެ ތެރޭގައި ފޯނު 100 ޕަސެންޓަށް ޗާޖު ކޮށްލެވޭ ކަމަށް އެކުންފުނިން ބުނެ އެވެ.

ފާސްޓް ޗާޖިންގެ ހިދުމަތް އަންނަނީ ޗައިނާއިން ކޮންމެ އަހަރަކު އިތުރަށް ތަރައްގީކުރަމުންނެވެ. އެގޮތުން ވަންޕްލަސް އާއި އޮޕޯ އިން ވަނީ މިއަހަރުގެ ތެރޭގައި 65 ވޯޓުގެ ސްމާޓްފޯނު ތައާރަފުކޮށްފަ އެވެ. އެ ފޯނުތަކަކަކީ ގާތްގަނޑަކަށް 35 ވަރަކަށް މިނެޓުގެ ތެރޭގައި ޗާޖުވާ ފޯނުތަކެވެ.

ޝިއޯމީ އިން އަލަށް ތައާރަފުކޮށްފައިވާ 80 ވޯޓުން ޗާޖުކުރެވޭ ފޯނުތައް ނެރޭނެ ދުވަހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އެ ފޯނު މާކެޓަށް ނެރުން އެކަށީގެންވާ ކަމަށް އެކުންފުނީން ވަނީ އިޝާރާތްކޮށްފަ އެވެ.

comment ކޮމެންޓް