ތިލަފުއްޓާއި ގުޅީފަޅުގެ ބިންތަކުގެ ކުލި ދައްކަންޖެހޭނީ އެޗްޑީސީ އަށް

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން އެއްކޮށްލަން ސަރުކާރުން ނިންމުމާ ގުޅިގެން ގުޅީފަޅާއި ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތަކަށް ދައްކަންޖެހޭ ކުލީގެ ފައިސާ މާދަމާ އިން ފެށިގެން ދެން ދައްކަން ޖެހޭނީ އެޗްޑީސީ އަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީސީ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެޗްޑީސީ އެއްކޮށްލަން ނިންމުމާ ގުޅިގެން ތިލަފުއްޓާއި ގުޅީފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުންތައް ނަގުލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ތިލަފުއްޓައި ގުޅީފަޅުން ސިނާއީ ބިމާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި އެހެނިހެން ފައިސާ އޮކްޓޯބަރު 19 އިން ފެށިގެން އެޗްޑީސީ އަށް ދައްކަމުން ދިޔުމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކް ތައްޔާރު ކުރާނީ "ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކަމަށާއި ނަގުދު ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ކޭޝް ކައުންޓަރަށް ފައިސާ ދެއްކުމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ފައިސާ ދައްކާ ފަރާތްތަކަށް ފަސޭހައަކަށް މައި ހުޅުމާލެ ޕޯޓަލްގެ ކުއިކް ޕޭ އިން މި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް