އެއްރެޔެއްގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ބައްޔެއް

ރެއާލް މެޑްރިޑާއި ކަޑިޒް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް ބަލިވީ 0-1 އިން --- ފޮޓޯ//ގެޓީ އިމޭޖެސް

ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ މިދިޔަ ސީޒަނުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާ ރޭ ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

ލީގުގެ އެންމެ ބޮޑު ވާދަވެރިން އެއް ރެޔެއްގެ މަތިން އަހަރުތަކަކަށްފަހު ބަލިވެގެން ދިޔައިރު އެ ދެ މެޗުވެސް ކާމިޔާބު ކުރީ ނިސްބަތުން އާދައިގެ ދެ ޓީމެވެ. މި ސީޒަނަށް އަލަށް ކޮލިފައިވި ކަޑިޒް އަތުން އަމިއްލަ ދަނޑުގައި ރެއާލް 0-1 އިން ބަލިވި އިރު ރަށުން ބޭރުގައި ކުޅުނު މެޗުން ބާސެލޯނާ ހަމަ އެ ނަތީޖާއިން ބަލިވީ ގެޓާފޭ އަތުންނެވެ.

މިފަހަރުގެ ޓްރާންސްފާގައި ކުރިން ޓީމަށް ކުޅުނު މުހިއްމު ބައެއް ކުޅުންތެރިން ރެއާލުން ދޫކޮށްލި އިރު، ރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެ މެޗުގައި ކަޑިޒްގެ ހަމައެކަނި ގޯލް 16 ވަނަ މިނެޓުގައި ޖެހީ އެންތަނީ ލޮޒާނޯ އެވެ. މިއީ 14 އަހަރު ތެރޭ ސްޕެނިޝް ލީގުގައި ކަޑިޒް ކުޅޭ ފުރަތަމަ ފަހަރެވެ. އަދި 29 އަހަރުތެރޭ ރެއާލް އަތުން ހޯދި ފުރަތަމަ މޮޅެވެ.

ރޭގެ މެޗުން ބަލިވުމުގެ އިތުރުން ރެއާލަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަނިޔާވެގެން ފައިބަން ޖެހުމެވެ. ރަމޯސްއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އެ ޓީމުން އަދި ހާމަކޮށްފައި ނުވާ އިރު، އަންނަ ހަފުތާގައި ރެއާލްގެ އެންމެ ބޮޑު ވާދަވެރިޔާ ބާސެލޯނާއާ ދެކޮޅަށް ވެސް ސްޕެނިޝް ލީގުގައި މެޗެއް އެބައޮތެވެ.

މި މެޗުން ހޯދި މޮޅާ އެކު ކަޑިޒް ކުޅުނު ހަ މެޗުން 10 ޕޮއިންޓް ހޯދައިގެން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފަ އެވެ. އެ މެޗުން ބަލިވި ރެއާލް ވެސް ފަސް މެޗު ކުޅެގެން 10 ޕޮއިންޓް ހޯދާފައިވާ އިރު، ރެއާލް އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ، މެޗުން ބަލިވުމުން އެއްވެސް ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށާއި، ކަޑިޒް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށެވެ.

"ފިޒިކަލީ ގޮތުން މެޗަށް އެހާ ބޮޑަށް ނުވަދެވި ތިބީ ރެއާލްގެ ކުޅުންތެރިންނަށް. އެކަމަކު އެއީ ބަހަނާއެއް ނޫން. ކުޅުންތެރިން ވެސް އަދި އަހަރެންވެސް ހުރީ އުފަލަކުން ނޫން. އިދިކޮޅު ޓީމުން ވަރަށް ބޮޑަށް މަސައްކަތްކޮށް ހިތްވަރު ކުރި." ޒިދާން ބުންޏެވެ.

އަނެއް ކޮޅުން ރެއާލްގެ ރައިވަލް ބާސެލޯނާ ގެޓާފޭ އަތުން ބަލިވުމާ އެކު މިވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ ނުވަ ވަނައިގަ އެވެ. އެހެން ނަމަވެސް ބާސެލޯނާ މެޗު ކުޅެފައި ވަނީ އެހެން ޓީމުތަކަށް ވުރެން މަދުން ކަމަށްވާތީ އެ ޓީމަށް އަދިވެސް މެޗު ހަމަކޮށްގެން އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު، ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އުސްމާން ޑެމްބެލޭ ރޭގެ މެޗުގައި ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެ ހާފުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހުނު އިރު އެންޓޮއިން ގްރީޒްމަން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ބާސެލޯނާ އާއި ގެޓަފޭގެ މެޗުގައި ގެޓަފޭގެ ހަމައެކަނި ގޯލް 56 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ޖެއިމީ މަޓާ އެވެ.

comment ކޮމެންޓް