އަންވަރަށް ތާއިދު ކުރާ އެމްޕީންގެ ލިސްޓާ ހެދި ފުލުހަށް ހާޒިރުކޮށްފި

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (އޮކްޓޯބަރު 18): މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމަށް އިސް ކުރަން ތާއިދު ކުރާ 121 ޕާލިމެންޓު މެމްބަރެއްގެ ނަން ހިމެނޭ ކަމަށް ބުނާ ލިސްޓެއް އާއްމު ވުމާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށްފި އެވެ.

މެލޭޝިއާގެ ފެޑެރަލް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ހުޒިރު މުހައްމަދު ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު އަންވަރު ފުލުހަށް ހާޒިރުކޮށް، އޭނާގެ ބަޔާނެއް ވަނީ ނަގާފަ އެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެމްޕީންގެ ލިސްޓާ ގުޅިގެން ފުލުހުންނަށް 113 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންވަރު ވިދާޅުވި ގޮތުގައި އޭނާއަށް ތާއިދު ކުރާ މެމްބަރުންގެ ނަންތަކުގެ އެނގިލައްވަން ޖެހޭ ހަމައެކަނި ބޭފުޅަކީ ރަސްގެފާނެވެ. އަދި ފުލުހުން އޭނާއާ ސުވާލު ކުރަނީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށް ބެލެވެ އެވެ.

"އަޅުގަނޑު މިހިރީ ސިޔާސީ ވެރިންނަށް އެއްބާރުލުންދީ [އެމްޕީންގެ] ނަންތައް ދޭ ގޮތަކަށް ނޫން، އެއީ އެމީހުންނާ ގުޅުން ހުރި ކަމެއް ނޫން. އެއީ އަޅުގަނޑާއި ރަސްގެފާނާ ދެމެދު އޮތް ކަމެއް. އެއީ ސިޔާސީ ފުރައްސާރައެއްކަން ވަރަށް ސާފު އަދި ފުލުހުންނަށް ސިޔާސީ [ފަރާތްތަކުގެ] އިރުޝާދު ލިބެމުންދާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އަންވަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުން ދަނީ އަންވަރާ ގުޅުން ހުރި ހަ ތަހުގީގެއް ކުރިއަށްގެންދަމުން ކަމަށާއި އޭގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަންވަރުގެ ވާހަކަފުޅަށް ރައްދު ދެމުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އޭނާއާ ސުވާލު ކުރީ އެއްވެސް ސިޔާސީ ޕްރެޝަރެއް އޮވެގެން ނުވަތަ ޕާޓީއެއްގެ އިރުޝާދާ އެއްގޮތަކަށް ނޫން ކަމަށް ބުނެފަ އެވެ.

އަންވަރަށް ޕާލިމެންޓުގެ އަގުލަބިއްޔަތު ލިބިފައިވާކަން ސާބިތުކޮށްދިނުމަށް މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ރަސްގެފާނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އޭނާއަށް ތާއިދު އޮތްކަން ކަށަވަރު ކުރުމުގެ ގޮތުން ރަސްގެފާނު ސިޔާސީ ޕާޓީތަކާ ބައްދަލު ކުރައްވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. ނަމަވެސް މެލޭޝިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ، ކުއަލަލަމްޕޫރުގައި އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައި ވުމުން އެ ބައްދަލުވުންތައް ވަނީ ފަސްކޮށްފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދިން ޔާސީން ވަނީ އަންވަރަށް ޕާލިމެންޓުގެ އަގުލަބިއްޔަތު ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އަދި އެ ވާހަކަތަކުގެ ތެދު ދޮގު ބައްލަވަން ރަސްގެފާނަށް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މެލޭޝިއާގެ ރަސްގެފާނަށް އެގައުމުގެ ބޮޑުވަޒީރު މަގާމުން ދުރު ކުރުމުގެ ބާރު ލިބިވަޑައިގެންފައި ނުވެ އެވެ. ނަމަވެސް ބޮޑުވަޒީރަށް ޕާލިމެންޓުގެ އަގުލަބިއްޔަތު ނުލިބޭ ކަމަށް ރަސްގެފާނު ދެކިވަޑައިގަންނަވާ ނަމަ ޕާލިމެންޓު އުވާލުމާއި އާއްމު އިންތިހާބެއް ބާއްވަން އެންގެވުމުގެ ބާރު ލިބިވަޑައިގެންފައިވެ އެވެ.

މިދިޔަ މާޗް މަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުދިން އިސްވީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި މަހާތިރު މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ދެހާސް އަށާރަވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ 1981އިން 2003އަށް އޭނާ ބޮޑުވަޒީރުކަން ކުރެއްވި އިރު، ނައިބުކަން ކުރެއްވި އަންވަރުގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް ވަނީ އަންވަރު ވެރިކަމަށް ނުގެނެސް، އިދިކޮޅު އުމްނޯއާ އެކު އާ ކޮލިޝަނެއް ހެދުމާ ބެހޭ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 23ގައި މަޝްވަރާކޮށްފައި ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޖެހިގެން އައި ދުވަހު މަހާތިރު އިސްތިއުފާ ހުށަހެޅުއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް